ރުޅި އިސްނުކުރައްވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލިޑާރު ގާސިމް އިބްރާހިމަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ސީދާ ގާސިމްގެ ނަން ނުގެންނަވައި ރައީސް އެހެން ވިދާޅުވެފައި މިވަނީ ގާސިމް ދައްކަވާ ވާހަކަތަކަށް އިޝާރާތެއް ކުރައްވައެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނުނަސް ޖޭޕީން އިންތިހާބުގައި ވާދަކުރަނީ ވަކިންނެވެ. ޕާޓީގެ ކެމްޕޭނަށް، މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ރަށްރަށަށް ވަޑައިގެން ވަރަށް ކޯފާ އިސްކުރައްވާ ވާހަކަ ދައްކަވަމުން ގެންދެއެވެ.

ގާސިމް ވިދާޅުވަމުން ގެންދަވާ ގޮތުގައި އޭނާ އިންތިހާބަށް ނިކުމެވަޑައިގެންނެވީ ރައީސްގެ އަތްދަށުގައި ހުރި ކަންކަން ބޮއްސުންލައިގެން ދިޔުމުންނެވެ. އަދި ވިދާޅުވަމުން ގެންދަވަނީ ނުފޫޒުތަކުން ރައީސް ސަލާމަތްކުރެއްވުމަށް ކަމަށެވެ.

މިރޭ ދުވާފަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވާނެ ކަމުގެ ވަރަށް ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވާ ގޮތުންނަމަ "އިންތިހާބު މިއޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި" އެވެ. އެއަށް ފަހު ސީދާ ވަކި ކެންޑިޑޭޓެއްގެ ނަން ނުގެންނަވައި ރައީސް ގާސިމަށް ދެއްވި މެސެޖަކީ ރުޅި އިސްނުކުރުއްވުމަށެވެ.

ދުވާފަރު ގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

"ރުޅި އިސްނުކުރައްވާ، ވިސްނުން އިސްކުރައްވާށޭ، އަދިވެސް، އަދިވެސް، އަޅުގަނޑު ދަންނަވާނީ ރުޅި އިސްނުކުރައްވާ ވިސްނުން އިސްކުރައްވާށޭ" ތަކުރާރު ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަދި ފުރުސަތު ނުގެއްލޭ ކަމަށެވެ. ރައީސް ވިދާޅުވީ ބައެއް ކެންޑިޑޭޓުން މަސައްކަތްކުރައްވަނީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިޔުމަށް ކަމަށެވެ. އެކަން ކުރައްވަނީ އެ ބޭފުޅުންގެ އަމިއްލަ ފައިދާއަށް ކަމަށްވެސް ވިދާޅުވިއެވެ.

"ދެވަނަ ބުރަކަށް ގެންދިޔުމަށް، ދެވަނަ ބުރެއްގައި ކޯލިޝަނެއް ހަދައިގެން ހޯދޭނީ ކޮން މަންފާއެއްތޯ ތިމަންނަ އަށް ލިބޭނީ ކޯއްޗެއްތޯ ހިސާބު ޖަހައިގެން ތިއްބެވި ބޭފުޅުން އެބަތިއްބެވި" އެ ވިސްނުން ދޫކޮލަށްވާފައި އެމަނިކުފާނާ ގުޅިވަޑައިގެންނަވަން ރައީސް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިން އެންމެ ގިނައިން ކުރާ ސުވާލަކީ ވަޑައިގަންނަވާ ކޮންމެ ރަށަކަށް ވައުދުތައް ވެވަޑައިގަންނަވަމުންދާ ވާހަކައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕީއެސްއީޕީ ބަޖެޓުން މިހާތަނަށް 34 ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫއުތަކަށް ހަރުދުކޮށްފައިވާ ކަމަށެވެ.