ރައްޔިތުންގެ މަޖިލީގެ ދުވާފާރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު އަކީ ދުވާފަރަށް ލިބިފައިވާ "ޖަވާހިރެއް" ކަމަށް ވިދާޅުވެ، ރައީސް ސޯލިހު، މެމްބަރު އިސްމާއިލަށް ތައުރީފް ކުރައްވައިފިއެވެ.

ރައީސް ދުވާފަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ރައީސާ ސަލާމްކުރައްވަން ދިގު ކިޔުއެއް އޮތެވެ.

މިރޭ ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަފުޅުގެ ކުރިން ދުވާފަރުގެ އެމްޑީޕީ އަންހެން މެމްބަރުންގެ ފަރާތުން އެމަނިކުފާނަށް ލަވައެއް ވަނީ ހުށަހަޅާދެއްވާފައެވެ. އެ ލަވައިގެ ޅެން ހެއްދެވީ އިސްމާއިލެވެ.

"އަޅުގަނޑު ހިއެއް ނުކުރަން މީގެ ކުރިން އިސްމާއިލަކީ ޅެންވެރިއެއް ކަމަށް ޝާއިރެއް ކަމަށް،" ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވިއެވެ.

"ތިބޭފުޅުން އިސްމާއިލް ދޫކޮށްނުލައްވައްޗޭ، ދޫކޮށް ނުލައްވައްޗޭ، އެއީ ތިބޭފުޅުންނަށް ލިބިފައި ހުރި ޖަވާހިރެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިސްމާއިލަށް ތައުރީފް ކުރައްވާފައިވާއިރު އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ހިންގާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އެމަނިކުފާނާ ދެކޮޅަށް ނިކުމެވަޑައިގެންނެވި ފުރަތަމަ މަޖިލިސް މެމްބަރެވެ. ސަރުކާރު ހިންގުމަށް ނަޝީދު ހުރަސްއަޅާ ކަމަށް އިސްމާއިލް ވިދާޅުވުމުން އޭނާއަށް ނަޝީދުގެ ފަރާތުން ފިއްތުތައް ކުރިމަތިވިއެވެ.