އެމެރިކާގެ އިންޓަ މައިއޭމީއަށް ދިއުމާއެކު ލިއޮނެލް މެސީގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރި އާ ބޮޑީގާޑުގެ ހަރާކަތްތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ފްރާންސްގެ ޕީއެސްޖީ ދޫކޮށް މެސީ މައިއޭމީއަށް ބަދަލުވުމަކީ ފުޓުބޯޅަ ސަޕޯޓަރުން ހައިރާންކޮށްލި ކަމަކަށެވެ. ބާސެލޯނާ އާއި ސައުދީގެ އަލް ހިލާލުގެ ބިލިއަން ޑޮލަރުގެ ޑީލައް ނޫނެކޭ ބުނެ މެސީ މައިއޭމީ ޓީމަށް އައުމުން އެކުލަބުންނާއި މުޅި އެމެރިކާއިން ވެސް ވަނީ މަރުހަބާ ކިޔައިފައެވެ. އަދި ކުރިން މެސީއަށް ސަޕޯޓް ނުކުރާ އެތައް ހާސް ބަޔަކު މެސީއަށް ސަޕޯޓްކޮށް ފޮލޯވެސް ކުރަން ފެށިއެވެ.
މެސީ އައިސް ލީގު ކަޕުގައި ކުޅުނު ހަތް މެޗުން ވެސް އިންޓަ މައިއޭމީ މޮޅުކޮށްދީ އެ މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދައިދީފައެވެ. ހަތް މެޗުގައި ޖެހި 10 ގޯލާއެކު އޭނާ ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އަދި އެއާއެކު މެސީގެ ގިނަ ސަޕޯޓަރުންތަކެއް އޭނާއާ ބައްދަލުކޮށްލަން ބޭނުންވެފައި ތިބިއިރު، އިންޓަ މައިއޭމީން ހަމަޖެއްސި ބޮޑީގާޑުގެ ސަބަބުން މާގިނަ ބަޔަކަށް މެސީއާ ގާތްވެވޭ ގޮތް ވަނީ ނުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެސީގެ އާ ބޮޑީގާޑު މެސީ ދާ ކޮންމެ ތަނަކަށް އޭނާ ފަހަތުން ދާ މަންޒަރު ފެނެއެވެ. އަދި މެސީއާ ގާތްވާ މީހުން ދުރުކުރުމާއި، މެސީއަށް ގެއްލުމެއް ދީފާނެ ކަމަށް ބަލައި އަބަދުވެސް ހުންނަނީ ހުށިޔާރުކަމާއެކު އެކި ފަރާތްފަރާތަށް ބަލަ ބަލައެވެ.
މީގެ އިތުރުން މެޗު ކުޅެމުންދާއިރުވެސް ލައިންސްމަން ފަހަތުން ދަނޑު ބޭރުގައި މެސީއާ އެއްވަރަށް އޭނާ ހިނގާލަ ހިނގާލަ ހުންނަ މަންޒަރުވެސް ފެނެއެވެ. އަދި ދަނޑު ބޭރުން މެސީއާ ބައްދަލު ކުރަން އަރައި މީހުން ވެސް ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ މީހުން އެރުމުގެ ކުރިން މެސީގެ ބޮޑީގާޑް ގޮސް އެ މީހަކު ހުއްޓުވައެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް ހަތް ފަހަރަށް ހޯދާފައިވާ މެސީގެ ސެކިއުރިޓީ އަބަދުވެސް ބަލަހައްޓަމުން އަންނައިރު، މީގެ ކުރިން އޭނާގެ އާޖެންޓީނާގެ ޓީމް މޭޓް ރޮޑްރިގޯ ޑެ ޕޯލްވެސް ދަނޑު މަތީގައި އޭނަގެ ސެކިއުރިޓީ ބަލަހައްޓާކަަމަށް ބުނެ ގިނަބަޔަކު ވަނީ ޖޯކު ޖަހައި ހަދައިފައެވެ.