އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުގައި ޔޫއޭއީގެ ޝަބާބް އަލް އަހްލީ ބަލިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު ގުރޫޕް ސްޓޭޖަށް ކޮލިފައިވެއްޖެއެވެ.
ޔޫއޭއީގެ އެންމެ ފަހުގެ ލީގު ޗެމްޕިއަން، ޝަބާބް އަލް އަހްލީގެ މައްޗަށް އަލް ނަސްރުން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މިދިޔަ ސީޒަނުގެ ސައުދީ ލީގުގެ ދެވަނާގައި ނިންމާލި އަލް ނަސްރަށް ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގައެއް ލިބިފައެވެ.
އަލް ނަސްރުގެ ހޯމް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި މި ސީޒަނަށް އެ ޓީމަށް ގެނައި ތަރިންތައް ވަނީ ކުޅެފައެވެ. އެގޮތުން ސެނަގަލްގެ ތަރި ސާޑިއޯ މާނޭއާއި ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ހިމެނެއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އަލް ނަސްރުންނެވެ. އެ ޓީމުގެ ފޯވާޑް ޓަލިސްކާގެ ލަނޑުން އަލް ނަސްރު ލީޑު ނެގި ނަމަވެސް ޝަބާބް އަލް އަހްލީއިން ވަނީ ފަހަތުން އަރައި ދެ ގޯލު އެ ހާފުގައި އަލް ނަސްރު ކޮޅަށް ޖަހައިފައެވެ. އެ ޓީމުން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ ޔަހްޔާ އަލް ޢައްސާނީއެވެ.
އެ ހާފުގައި އަލް ނަސްރުން ވަނީ ތިން ފަހަރަކު ޕެނަލްޓީ ހޯދަން ވަރަށް ބޮޑަށް އެޕީލް ކޮށްފައެވެ. އެގޮތުން ރޮނާލްޑޯއަށް ކުރި ފައުލަކާއި، މާނޭއަށް ކުރި ފައުލާއި އިދިކޮޅު ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުނު ބޯޅަށް ވަރަށް ބޮޑަށް އަލް ނަސްރުގެ ކުޅުންތެރިން އެޕީލް ކުރި ނަމަވެސް މެޗުގެ ރެފްރީ ވަނީ އަލް ނަސްރަށް އޭގެން އެއްވެސް ޕެނަލްޓީއެއް ނުދީ ހާފު ނިންމާލައިފައެވެ. ރެފްރީގެ ނިންމުމަށް ހާއްސަގޮތެއްގައި ރޮނާލްޑޯގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި މަންޒަރު ވަނީ ފެނިފައެވެ.
ދެ ވަނަ ހާފު ފަށައިގެން އަލް ނަސްރުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. އެކަމަކު ޝަބާބް އަލް އަހްލީއިން ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެ، މެޗު ލަސްކުރަން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަލް ނަސްރުން އެ ހާފުގައި ލަނޑެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ 88 ވަނަ މިނަޓުގައެވެ. އެ ޓީމުގެ ސުލްތާން އަލް ޢައްނާމް ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވަނީ އިދިކޮޅު ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައެވެ.
އަލް ނަސްރުގެ ދެ ވަނަ ގޯލާއެކު އެ ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. އެޔާއެކު ޓީމު ކުރިއަށް ޖައްސައި، މެޗުން މޮޅުވުމަށް މަސައްކަތް ފެށި އިރު، ޓަލިސްކާ ވަނީ އިތުރުވަގުތުގެ ތެރޭގައި އަލް ނަސްރުގެ ތިންވަނަ ގޯލު ޖަހައިދީ ލީޑު ނަގައިފައެވެ. އެ ޓީމުގެ ފަހު ގޯލަކީ ބްރޮޒޮވިޗް ކާމިޔާބުކޮށްދިން ގޯލެކެވެ.
އަލް ނަސްރުން ބޮޑު އަގު ދީގެން ކުޅުންތެރިންތަކެއް ގެނެސްފައިވާއިރު، އެ ޓީމުން ވަނީ ސައުދީ ޕްރޯ ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. މިދިޔަ ސީޒަނުގައި ވެސް މުހިއްމު ދަނޑިވަޅުގައި މެޗުތަކަކުން އެ ޓީމު ބަލިވުމުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް ލިބުނީ ލީގުގެ އެއްވަނަ ހޯދި އަލް އިއްތިހާދުއަށެވެ.