އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ގާތްގަނޑަކަށް އެއްބުރުން އެމަނިކުފާނަށް ކާމިޔާބުވެވަޑައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ބ. ކެންދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައެވެ. ކެންދޫ ހިމެނޭހެން މިރެޔާ ހަމަޔަށް ބ އަތޮޅުގެ 12 ރަށަކަށް ރައީސް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ވިދާޅުވީ ބ އަތޮޅުން އެމްޑީޕީގެ ކޯލިޝަނަށް ބޮޑު އަގުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެއަށް ފަހު ރައީސް ވާދަވެރިންނަށް ބަހުގެ ހަމަލާތައް ފޮނުއްވެވިއެވެ. ވިދާޅުވީ "ސީރިޔަސް" ކަމާއި އެކީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ ކަމަށް ފެންނަނީ މަދު ކެނޑިޑޭޓެއް ކަމަށެވެ.
"ދެން ތިއްބެވި ކެނޑިޑޭޓުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މި އިންތިހާބު ދެވަނަ ބުރަކަށް ގެންދެވޭނީ ކިހިނެއް ހަދައިގެންތޯ. ވޯޓުތައް ބައިބައި ކޮށްލައިގެން ތިމަންނަމެންނަށް ދެވަނަ ބުރުގައި ކޯލިޝަން ހަދައިގެން ލިބޭނީ ކޯއްޗެއްތޯ! ކިތައް ވަޒީފާތޯ! ކެބިނެޓްގެ ކިތައް ޕޯސްޓުތޯ! ކުންފުނިތަކުގެ ކިތައް ޕޯސްޓުތޯ" ވަކި ކެނޑިޑޭޓެއް ނަން ނުގެންނަވައި ރައީސް ވިދާޅުވީ ''ބައެއް ބޭފުޅުން ވަރަށް ކޯފާ އިސްވެވަޑައިގެންނަވާ" ކަމަށެވެ.
އެއަށް ފަހު އެމަނިކުފާނު ވާދަވެރިންނަށް އިލްތިމާސްކުރެއްވީ އިންތިހާބު ދެވަނަ ބުރަކަށް ގެންދަން ނޫޅުމަށެވެ.
"ދަންނަނަވަންތޯ މި އިންތިހާބު މިއޮތީ، ފުރަތަމަ ބުރުން މިއޮތީ ނިމިފައި... ދެވަނަ ބުރަކަށް އިންތިހާބު ގެންގޮސްގެން މިއިން ބައިނަގަން ނޫޅުއްވުން" އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަނަކުން ވެރިކަން ލިބުނު ހުރިހާ ސަރުކާރެއްގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި ކޯލިޝަން ރޫޅިގެން ދިޔަ ކަމަށެވެ.
"2013 ގައިވެސް ވީ ހެން. ފުރަތަމަ ބުރުގައި ކާމިޔާބުނުވީމަ ކޯލިޝަނެއް ހަދައިގެން ނިކުތީ، ހަ މަސް ދުވަސް ނުވެ ކޯލިޝަން ރޫޅުނީ" 2018 ވަނަ އަހަރު ފުރަތަމަ ބުރުގައި ކޯލިޝަނަކާއެކު ވެރިކަމަށް ނިކުމެވަޑައިގެންނެވީ އެ ތަޖުރިބާގެ އަލީގައި ކަމަށް ވިދާޅުވިއެވެ. އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް ކަމަށްވުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރު ދެމިއޮތުމުގެ ސިއްރަކީވެސް އެއީ ކަމަށެވެ.
ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެމަނިކުފާނު ގިނަކަންޏާ ވާދަކުރެއްވިނަމަ ދެވަނަ ބުރަށް ދިޔުމަކީ ގާތްކަމެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ގައުމެއް ހިންގޭނީ އަމިއްލަ އެދުން ދޫކޮށްލައި މަޝްވަރާގެ މަތިން ކަމަށެވެ. އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަން ޖެހޭނެ ކަމަށާއި، ހަމައެކަނި ތިމާއަށް ފެންނަ ގޮތަށް ކަންތައްތައް ކުރާކަމަށްވާނަމަ ވެރިކަންތައް އަވަހަށް ނިމޭނެ ކަމަށް ވިދާޅުވިއެވެ.