ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދޮންފަނަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސަށް މަރުހަބާ ދަންނަނަވަން ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ބަނދަރު މައްޗަށް އެއްވިއެވެ.

ދޮންފަނުގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދޮންފަނުން ދިމާވި ކުޑަކުއްޖަކު އެމަނިކުފާނުގެ އަރިހުގައި ޕާކެއް އަޅައިދޭން އެދުނު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގެ ކުޑަކުދިންނަށް ޕާކެއް އަޅައިދޭނެ ކަމުގެ ޔަގީންކަން އަރުވަން" ބައްދަލުވުމަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އެ ކުއްޖާއަށް އަތުން ހަނާއަޅުއްވަމުން ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދެއްވަނީ ދޮންފަނަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކޮށް ދެއްވުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށުގައި ފްލެޓް ނޫނީ ރޯ ހައުސް އަޅާނެ ކަމަށެވެ.

އެ ރަށު ސްކޫލަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި ބޭނުންވާ ފަސް ކްލާސް ރޫމާއި މަލްޓި ޕާޕޯސް ހޯލް އިތުރުކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް ޓެކްނިކަލީ ކުރަން ޖެހޭ ކަންތައް ކުރައްވާނެ ކަމަށްވެސް އެމްޑީޕީގެ ފަރާތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވިއެވެ.

ދޮންފަނުގެ ޒުވާނުންނަށް އަޅާ ފުޓްބޯޅާ ދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ގާއިމްކޮށް ދޮންފަނުގައި ވޮލީ ކޯޓެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.