ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫން "ޗޮއިސް" އެއް ނެތް ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ އާތިފް މި ދާދިފަހަކުން ވަނީ އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.
އާތިފްއާއެކު ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފު ވެސް ޑިމޮކްރެޓުންނާއި ގުޅިވަޑައިގަތެވެ.
އެހެންނަމަވެސް މިމަހުގެ 15ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލް ހުރިހާ މެންބަރުންނާއި މަޖިލިސް މެންބަރު ޔާސިރު އަލުން އެމްޑީޕީ އަށް ވަނީ ގުޅިވަޑައިގެންފައެވެ. އެއާއެކު އެބޭފުޅުން ސަރުކާރާއެކު ޑީލެއް ހެއްދެވި ކަމާއި ފައިސާ ނެންގެވި ކަމުގެ އަޑުތަކެއް ފެތުރިގެން ދިޔައެވެ.
"އަޅުގަނޑުމެން މިތިބަ އެއްވެސް މީހެއްގެ އަމިއްލަ ފައިދާއެއް ހެދި އެއްވެސް ޑީލެއް ނޯންނާނެ. އެ ޔަގީންކަން އަރުވަން،" ކުޅުދުއްފުށި އެމްޑީޕީގެ ކެމްޕެއިން ޓީމާއި ބައްދަލު ކުރައްވާ ރޭ އާތިފް ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް ކުޅުދުއްފުށި ރައްޔިތުންގެ ނަމުގައި ރައީސް ސޯލިހާ ޑީލެއް ހައްދަވާފައި ވާނެ ކަމަށެވެ.
އެގޮތުން އަލުން އެމްޑީޕީއާ ގުޅުވަޑައިގަތުމުގެ ސަބަބުން ކުޅުދުއްފުއްޓަށް ބިލިއަނެއްހާ ރުފިޔާ ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. [އާތިފް އެ ހާމަ ކުރެއްވީ މަޝްރޫއުތަކުގެ ވާހަކައެވެ.]
އާތިފް ވަނީ އޭގެތެރެއިން ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ.
އޭނާ ވިދާޅުބީ އެ ސިޓީއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން މިހާރު ވެމްކޯއާ ހަވާލު ކުރެވިއްޖެ ކަމަށެވެ. އަދި ކޮންމެ ގޭބިސީއަކުން ނަރުދަމާގެ މަހުފީގެ ގޮތުގައި ނަގަމުން އަންނަ 30 ރުފިޔާ ކަނޑާލާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށާއި އިންތިހާބުގެ ކުރިން އެ ސިޓީގައި 1000 ހައުސިން ޔުނިޓު ބިނާކުރަން އިއުލާނު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސާ ކިރިޔާވެސް މި އިންތިހާބުގައި ވާދަކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ނަމަވެސް ބުއްދި ސަލާމަތުން ހުރި ކުޅުދުއްފުށި އެއްވެސް ރައްޔިތަކު މުއިއްޒަށް ވޯޓު ނުދޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.
ސަބަބު ހާމަ ކުރައްވާ ވިދާޅުވީ ކުޅުއްފުށީގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ހަތް އަހަރު ވަންދެން ވީރާނާ ވާން ދޫކޮށްލީ މުއިއްޒުގެ މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރި ކައުންސިލެއް އޮއްވާ ކުޅުދުއްފުށިން ގޯތި ދޭން އިއުލާންކުރީ އެރަށު ފެނަކަ އޮފީހުންކަން ވެސް އާތިފް ފާހަގަކުރެއްވިއެވެ.
"މިއަދު އަޅުގަނޑުމެން ގާތަށް އައިސް ވޯޓު ހޯދަން އެ ވަކާލާތު ކުރައްވާ ކެންޑިޑޭޓު އޭރު ހުންނެވީ ހައުސިން މިނިސްޓަރަކަށް،"
"އެހެންވީމާ މިއަދު ހަމަ އިބޫ ނޫން ގޮތެއް ނެތް. އެއްވެސް ބަޔަކަށް އިބޫ ނޫން ގޮތެއް ނެތް،" އާތިފު ވިދާޅުވިއެވެ.