އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 40 އިންސައްތައަށް ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ރިޔާސީ ރޭހުގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މި ދައުރުގައި ކުރެވުނު އެންމެ މުހިއްމު ކަމަކީ މިނިމަމްވޭޖް (އެންމެ ކުޑަ އުޖޫރަ) ކަނޑައެޅުން ކަމަށެވެ. ޕްރައިވެޓް ސެކްޓާގައި އުޅޭ މީހުންނަށް، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ ބަދަލެއް އޭގެ ސަބަބުން ގެނެވިއްޖެ ކަމަށް ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލުތަކެއް ގެނެވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާއިލާތަކަށް އޭގެ ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ޕޭހަމަނައިޒަން ސިޔާސަތުގެ ދަށުން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.

ސިފައިންނާއި، ފުލުހުންނާއި، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަންސް ހިމެނޭ އެހެން ހުރިހާ މުވައްޒަފުން މުސާރައަށް ބަދަލުގެންނާނެ ކަމަށް ވިދާޅުވިއެވެ.

"އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާ އެކު އެ ހުރިހާ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށް އަންނަ ޖެނުއަރީން ފެށިގެން ބޮޑުވާނެ"

"މި ގެނެވޭ ބަދަލާއެކީ ވަރަށް ބޮޑުތަނެއް ބައެއް ދާއިރާއިން ބޮޑުވެގެން އެބަދޭ. މިސާލަކަށް ފުލުހުންގެ ކޮންސްޓަބަލްއަކަށް މިހާރު ލިބޭ މުސާރަ އަކީ 11،000 ރުފިޔާ އެހެން ނަމަވެސް މި ގެނެވޭ ބަދަލާ އެކީ، އެއީ އެންމެ އާދައިގެ ވަޒީފާ 15،000 މަދުވެގެން ބޮޑުވެގެންދާނެ. އެވްރޭޖްކޮށް ކޮންމެ މީހެއްގެ މުސާރަ 40 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ" ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ "އެއީ ހަމަ ހުރެލާފައި ބުނާ ވާހަކައެއް ނޫން" ކަމަށެވެ. އެއީ ހިސާބުތައް ޖަހައިގެން ޓޭބަލްކުރެވިގެން ނިންމި ކަންތައްތައް ކަމަށެވެ. އެކަމުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތެރޭގައި ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.