ލ. އިސްދޫ، ޅ. ނައިފަރު އަދި ލ. މާވަށުގެ މަގުތަކުގައި ތާރުއަޅަން ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

އިސްދޫ-ކަލައިދޫގެ މަގުތަކުގައި ތާރުއަޅަން ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

138،382،550.82( ސަތޭކަ ތިރީސް މިލިއަން ތިންސަތޭކަ އަށްޑިހަ ދެ ހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ އަށްޑިހަ ދެލާރި) ގެ މި މަޝްރޫއުގެ ދަށުން 4.39 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ތަކުގައި މަގު ބައްތި ޖެހުން ހިމެނެއެވެ.

ނައިފަރުގެ މަގުތަކުގައި ތާރުއަޅަން ދީފައިވަނީ 720 ދުވަހެވެ. 95,181,892.84 (ނުވަދިހަ ފަސްމިލިއަން އެއްލައްކަ އަށްޑިހައެއްހާސް އަށްސަތޭކަ ނުވަދިހަދެރުފިޔާ އަށްޑިހަ ހަތަރުލާރި(. ގެ މި މަޝްރޫއުގެ ދަށުން މުޅި ރަށުގެ ހުރިހާ މަގުތައް ޑިޒައިން ކުރުމާއި، 2.66 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

540 ދުވަސް ތެރޭގައި ނިންމާ ގޮތަށް ލ މާވަށުގެ މަގު ހެދުމުގެ މަޝްރޫއުއަށް 51,171,900.28 (ފަންސާސް އެއްމިލިއަން އެއްލައްކަ ހަތްދިހައެއްހާސް ނުވަސަތޭކަ ރުފިޔާ އަށާވީސް ލާރި( ހޭދަވާނެއެވެ. މަޝްރޫއުގެ ދަށުން 1.855 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖެހުން ހިމެނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖާ އަހްމަދު ޝިހާދުއެވެ.