އަންހެނުންގެ ވޯލްޑްކަޕުގެ ފައިނަލުގައި ސްޕެއިނަށް ލަނޑު ޖަހައިދިން ޒުވާން ކެޕްޓަން އޮލްގާ ކާމޮނާގެ ބައްޕަ މަރުވެއްޖެ އެވެ. އޮލްގާގެ ބައްޕަ މަރުވިކަން އޭނާއަށް އެނގުނީ ރޭގެ ފައިނަލް މެޗަށްފަހުއެވެ.

ވޯލްޑްކަޕުގެ ފައިނަލުގައި ރޭ އިނގިރޭސިވިލާތް ބަލިކޮށް ސްޕެއިނުން ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލީ 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިނުގެ 23 އަހަރުގެ ކެޕްޓަން އޮލްގާއެވެ. އޮލްގާގެ ގޯލާއެކު މުޅި ސްޕެއިނަށް އުފާވެރިކަން ގެނުވި ނަމަވެސް އެ މެޗަށްފަހު އޭނާއަށް ލިބުނީ ހަޔާތުގެ އެންމެ ބޮޑު އެއް ހިތާމަވެރި ހަބަރެވެ.

މެޗު ކުޅެމުންދަނިކޮށް އޭނާގެ ބައްޕަ މަރުވި ހަބަރެވެ. ނަމަވެސް އޮލްގާއަށް މެޗުގެ ތެރެއިން އެ ހަބަރު ދީފައިނުވާއިރު، އޭނާއަށް އެކަން ރެޔަކާލީ ތަށި އުފުލާލުމަށް ބޭއްވި ރަސްމިއްޔާތަށްވެސް ފަހުގައެވެ. ސްޕެއިނާއެކު ތަށި އުފުލާލި އިރުވެސް އޮލްގާގެ ފަރާތުން ފެނުނީ އުފާވެރިކަމާއި، ހިނިތުންވުމެވެ.

"އޮލްގާގެ ބައްޕަ މަރުވި ހަބަރު މި އެހީ ފުން ހިތާމައާއެކު. ކުޅުންތެރިޔާއަށް އެކަން އިނގުނީ މެޗަށްފަހު. އޮލްގާއާއި އޭނަގެ އާއިލާއަށް މިވަގުތު ލިބިފައިވާ ހިތާމައިގައި މުޅި ސްޕެއިނުން ބައިވެރިވޭ. ތިޔައީ ސްޕެއިނުގެ ތާރީހު ބަދަލުކޮށްލި ކުޅުންތެރިއެއް،" ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އޮލްގާގެ ބައްޕަ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، ހުކުރު ދުވަހު އެވެ. ސްޕެއިންގެ މީޑީއާތަކުން ހާމަކުރާ ގޮތުގައި ކުޅުންތެރިޔާގެ އާއިލާ އާއި ރަހުމަތްތެރިން ނިންމީ، ވޯލްޑް ކަޕް ފައިނަލް މެޗަށް ފޯކަސް ކުރަން ފުރުސަތު ދޭން ވެގެން، މެޗުގެ ކުރިން އޭނާއަށް ބައްޕަ ނިޔާވި ހަބަރު ނުދޭށެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮލްގާގެ 24 އަހަރުގެ ބޭބެއެއްވެސް ހުރެއެވެ. އޭނާ ކުޅެމުން އަންނަނީ ސެވިއްޔާގެ ސީ ޓީމަށެވެ.

މިއީ ސްޕެއިންގެ އަންހެން ޓީމުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ. އެންމެ ފުރަތަމަ 2015 ވަނަ އަހަރު އަލަށް ވޯލްޑް ކަޕްގައި ވާދަކުރި އިރު، 2019 ގައި ވަނީ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. އިއްޔެގެ ފައިނަލަކީ، މިދިޔަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރި އިންގްލެންޑުން އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ.