ރައްޔިތުން މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިއުމުގެ ފުރުސަތު މަޖިލިސް މެންބަރުން ނުދެއްވި ކަމަށް ބުނެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަކީ މިއަހަރުގެ ތިންވަނަ ދުވަހު [ފަހު ދައުރު] ގެ ފުރަތަމަ ޖަލްސާއެވެ. ޗުއްޓީ އަށް ފަހު މަޖިލީހުގެ ޖަލްސާތައް ފެށިއިރު ޖަލްސާގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލިއިރު ވެސް ނިމިފައި ނުވާ ދާއިމީ ކޮމެޓީތަކުގެ މަސައްކަތްތަކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދާއިމީ ކޮމެޓީތަކުގެ މަސައްކަތްތައް ބާރަށް ކުރިޔަށް ގެންދިއުމަށް އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި މެންބަރުން މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިހާތަނަށް އެ ލިޔުންތައް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި 14 މަޖިލިސް މެންބަރުންގެ ތެރެއިން ތިން މެންބަރެކެވެ. ޑިމޮކްރެޓުންނާއި ގުޅިވަޑައިގެންނެވިކަން ހާމަ ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.
ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިސް ނާއިބު ރައީސް އީވާ ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް މަޖިލީހަށް އެކަން އަންގަވާފައެއް ނުވެއެވެ.
މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީއަކުން ވަކިވެއްޖެ ނަމަ މަޖިލިސް ގަވާއިދު ބުނާ ގޮތުން ނަމަ އެ މެންބަރަކާއި އިލެކްޝަނުން މަޖިލީހުގެ އިދާރާ އަށް ލިޔުންތައް ފޮނުވަން ޖެހެއެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އަޑުގަދަކޮށް ހެއްދެވިއެވެ. އަދި ގަވާއިދާ ހިލާފަށް މަޖިލިސް ނުހިންގޭނެ ކަމަށް ބުނަމުން ދިޔައެވެ. އެއާއެކު ތިން މެންބަރެއްގެ ނަން ރިޔާސަތުން އިއްވެވިއެވެ.
އެ ތިން މެންބަރުންނަކީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބާއި ތިނަދޫ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ ނަމެވެ. އަދި އެ ބޭފުޅުން މަޖިލިސް ކުރާ މާލަން ދޫކޮށް ނިކުމެވަޑައިގަތުމަށް ދެންނެވިއެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ނިކުމެވަޑައިނުގަތުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލެއްވިއެވެ.
އަލުން ޖަލްސާ ފައްޓަވަމުން ނަޝީދު ވަނީ މަޖިލިސް ކުރިޔަށް ގެންދިއުމުގައި މެންބަރުންގެ އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެކަމާއި ހިތާމަ ކުރައްވާފައެވެ. އަދި އެއަށްފަހު ޖަލްސާ ނިންމާލެއްވިއެވެ.