ޚިޔާނާތެއްގައި ބައިވެރިވި ކަމަށް ތުހުމަތުވެގެން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި އެއް ރުފިޔާ ނަގައިދޭން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ ވަޒީފާގެ މައްސަލައެއްގައި މިހާ ކުޑަ ބަދަލެއް ދޭން ކޯޓުން އެންގި މައްސަލަ އެވެ.
ހައި ކޯޓުން މިގޮތަށް ހުކުމްކުރީ އެމްޕީއެލްގެ ތެރެއިން ފެންމަތިވި ތެލުގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވިގެން ވަޒީފާއިން ވަކިކުރި މުހައްމަދު އައިމަން ކިޔާ މީހެއްގެ މައްސަލާގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާއަށް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 112،164ރ. އާއި ވަޒީފާ އަނބުރާ ދިނުމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ވީ ނަމަވެސް ވަކި ކުުރުމުގައި އިޖްރާއީ އަދުލުވެރިކަން ގާއިމް ނުވާތީ ބަދަލެއް ނަގައިދޭން ޖެހޭ ކަމަށެވެ. ނަމަވެސް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރަމްޒީ ބަދަލެއްގެ ގޮތުން ނަގައިދެވޭނީ އެންމެ ރުފިޔާއެއް ކަމަށް ހުކުމުގައިވެ އެވެ.
"ނަގައިދޭ ބަދަލު އަދުލުވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭ މީހާއަށް ފައިސާގެ ގޮތުން ކޮންމެ މައްސަލައަކާ ގުޅިގެން ބައިވަރުތަކެއް ދިނުމެއް ނޫން. ބަދަލު ނަގައިދިނުމުގައި ވެސް، ކޮންމެ މައްސަލައެއް ވެސް ބަލަންވާނީ އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް،" ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒު ކުރެއްވި ހުކުމުގައިވަނީ ކޮންމެ މައްސަލައެއްގައި ބޮޑު ބަދަލެއް ލިބޭ ގޮތަށް ޓްރައިބިއުނަލުން އަދި ކޯޓުތަކުން ނިންމުމަކީ އިންސާފުގެ ތަރާދަކުން ކިރާއިރު ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައަކީ އަށް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިމެނޭ ތެލުގެ ހިޔާނާތަކާ ގުޅޭ މައްސަލައަކަށް ވާއިރު، އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ބުނެ އެތައް ލައްކަ ރުފިޔާއެއް ނަގައިދިނުމަކީ އިންސާފެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒުގެ މި ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު ތާއިދު ކުރެއްވުމުން ހައި ކޯޓުން މިއަދު ނިންމީ އޭނާއަށް ބަދަލުގެ ގޮތުގައި ލިބޭނީ އެންމެ ރުފިޔާއެއް ކަމަށެވެ. އަދި އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން ހުކުމުގައި އެންގި އެވެ.
ފަނޑިޔާރު ފާތިމަތު ފަރްހީޒާ ދެކެވަޑައިގަންނަވާ ގޮތުގައި ބަދަލުގެ ގޮތުގައި ތިން މަހުގެ މުސާރަ ނަގައިދޭންޖެހޭނެ އެވެ. ނަމަވެސް، އައިމަންއަށް އަލުން ވަޒީފާ ނުދިނުމަށް އޭނާ ވެސް ތާއީދު ކުރެއްވި އެވެ.