މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭނެ ތަންތަން ކަނޑައެޅުމަށް ގުރުއަތުލުން ނިންމާލާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުން 2450، 3250 އަދި 3650 އަކަފޫޓު ގޯތިލިބޭ ފަރާތްތަކުގެ ގުރުނެގުން މިހާރުވަނީ ނިމިފައިވާ ކަމަށެވެ.

ގޯތީ ލިބޭ މިހުންގެ ދާއިމީ ލިސްޓު ސަރުކާރުން އިއުލާންކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެ ސްކީމގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އިއުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގޯތިތައް ސަރުކާރުން ދޭނީ ރަޖިސްޓްރީ ވެސް ކުރުމަށް ފަހު ކަމަށެވެ. ސަރުކާރު ބަދަލުވި ނަމަވެސް، ގޯތި ލިބިފައިވާ މީހުންނަށް އެކަމުން އެއްވެސް ބަދަލެއް ނާންނާނެއެވެ.

ސަރުކާރުން މީގެކުރިން ވަނީ 9،001 ގޯތި މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް ބުނެފައެވެ. އެ ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމް ކަމަށް ސަރުކާރުން ބުނެއެވެ.