އޭއެފްސީ ކަޕުގެ ޕްރިލިމިނަރީގެ ފުރަތަމަ މެޗުގައި ބަންގްލްދޭޝްގެ ޑާކާ އަބަހާނީ އަތުން ބަލިވެ ކްލަބް އީގަލްސް އަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ދޮރު ބަންދުވެއްޖެ އެވެ.
ބަންގްލަދޭޝްގައި އިއްޔެ ކުޅުނު މެޗުން އީގަލްސް އަތުން ޑާކާ އަބަހާނީ ފަހު ވަގުތު ކާމިޔާބު ކުރި ގޯލުން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އަބަހާނީއިން ޕްރިލިމިނަރީގެ ދެވަނަ ބުރަށް ވަނީ ކޮލިފައިވެފައެވެ. އަދި އެ ބައްޔާއެކު އީގަލްސްއަށް ވަނީ އޭއެފްސީގައި ވާދަކުރުމުގެ ދޮރު ބަންދުވެފައެވެ.
އިއްޔެގެ މެޗު ފަށައިގެން އަބަހާނީ ޓީމުގެ ފަރާތުން ރަނގަޅަށް ކުޅެމުން ދިޔައިރު، އެ މެޗުގެ 21 ވަނަ މިނަޓުގައި އެ ޓީމުން ލީޑު ނެގިއެވެ. އުޖުކުވޯ ޑޭވިޑް އިފިގީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ފޮނުވާލައި އެ ޓީމަށް ލީޑު ނަގައިދިނީ ކުރިން މާޒިޔާއާއި ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅުނު ކޯނެލިއަސް ސްޓުވާޓްއެވެ.
އެ ހާފުގައި އީގަލްސްއިން މާގިނަ ހަމަލާތަކެއް އުފައްދާފައި ނުވާއިރު، އެ ޓީމުގެ ކެޕްޓަން އަހުމަދު ރިޒްވާން (ރިޒޭ) އަށް ވަނީ އެ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޒޭއެވެ.
އަބަހާނީގެ އޭރިއާގެ ބޭރުން އީގަލްސް އަށް ލިބުނު ބޯޅަ އީގަލްސްގެ މިލޮވަން ޕެޓްރޯވިޗް އޭރިއާ ތެރެއަށް ނަގައި ދިނުމުން، އަބާހާނީ ކުޅުންތެރިން މާކުނުކޮށް ހުރި ރިޒޭ ވަނީ ބޯޅަ ގޯލަށް ފޮނުވައިލައިފަ އެވެ.
މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް އަބަހާނީ މި މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ބްރެޒިލްގެ ޑިފެންޑަރު، ޑަނީލޯ އޮގަސްޓޯ އެވެ. މިއީ އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު، މުޒައްފަރޯވް ނެގި ކޯނަރަކުން އޮގަސްޓޯ ބޮލުން ޖެހި ގޯލެކެވެ.
އީގަލްސް އިން މި ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅުނު ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުގެ ޖާގަ ނުލިބި މުބާރާތާ ވަކިވާން ޖެހިފަ އެވެ. އެ ޓީމުން އެންމެ ފަހުން ކޮލިފައިންގައި ވާދަކުރި ފަަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ.
ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ޑާކާ އަބަހާނީ ވާދަ ކުރާނީ އިންޑިއާގެ މޯހަން ބަގާން އާއެވެ.