ވެރިކަމުގެ ދެވަނަ ދައުރެއް އެމަނިކުފާނަށް ދެއްވަން ޖެހެނީ މި ސަރުކާރުން މިއިން ޒަމާނަކު ރާއްޖެ ނުދެކޭވަރުގެ ތަރައްގީ އެއް ގެނެސް ދިނުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
"މި ވަގުތު ތިބޭފުޅުންގެ ކުރިމަތީގައި އޮތް ސުވާލަކީ ކީއްވެގެންހޭ ދެވަނަ ދައުރެއް ދޭން ޖެހޭނީ؟" އއ އުކުޅަހުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވިއެވެ. އެއަށް ފަހު އެމަނިކުފާނު ދެއްވީ އެ ސުވާލުގެ ޖަވާބެވެ. ވިދާޅުވީ ދެވަނަ ދައުރެއް އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ދޭން ޖެހޭ ސަބަބެވެ.
"ހަމަ ގައިމުވެސް ރާއްޖޭގެ އުތުރުންވެސް ދެކުނުންވެސް ފެންނާނީ މިއިން ޒަމާނެއްގައި ރަށަކަށް ނައަންނަ ވަރުގެ ތަރައްގީ އަނަންމުން ދާތަން" ވިދާޅުވިއެވެ.
2018 ވަނަ އަހަރު އެމްޑީޕީން ކެމްޕޭނު ސްލޯގަންއަކަށް ގެންގުޅުނު "ޖަޒީރާ ރާއްޖެ" އަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ޖަޒީރާވަންތަކަން ގެއްލޭނެ ކަމަށް ވިސްނައިގެން ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްނުކޮށް ދޫކޮށްނުލައްވާނެ ކަމަށެވެ.
"ޖަޒީރާވަންތަކަން ގެއްލޭނެއޭ ކިޔާފައި ފެނާއި ނަރުދަމާއެއް ނާޅައި އެއްވެސް ރަށެއް އަޅުގަނޑުމެން ދުލެއް ނުކޮށްލާނަން" ގެންގުޅެނީ ހުރިހާ ރަށަކަށް ހަމަހަމަ ސިޔާސަތުތަކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުންނަމަ އެމްޑީޕީން ބޭނުންވާ ޖަޒީރާ ރާއްޖެއަކީ ރައްޔިތުންނަށް ބޭނުންވާ ހުރިހާކަމެއް ފުއްދިފައިވާ ރާއްޖެއެކެވެ. އެ ޖަޒީރާ ރާއްޖޭގައި އަމާން މުޖުތަމައުއެއް ގާއިމްވެފައި އޮތުން ބޮޑު ކަމަށާއި، އެކަމަކު ނިޒާމީ މައްސަލަތަކެއް ހުރިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވއިެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އަމާޒު ހިފާފައިވަނީ ނިޒާމުގެ ތެރޭގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރުން ކަމަށެވެ.
"ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އުފާވެރި މުޖުތަމައުއެއް ރައްޔިތުންނަށް ހޯދައި ދިނުން" އެމްޑީޕީން މިރޭ އިފްތިތާހުކުރި "އަމާން މުޖުތަމައު" އަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވިއެވެ.