ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ ސިޔާސީ ކެމްޕެއިނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ޕާޓީއަށް ލިބެންޖެހޭ ފައިސާއެއް ނޫން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ފަރާތުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސިޔާސީ ކެމްޕެއިނަށްޓަކައި ބައްލަވައިގަތް ޑޮލަރުތަކެއް ކަމަށެވެ.
ސިޔާސީ ކަމަކަށް ލިބިވަޑައިގަތް ފައިސާއެއް ނަމަ އެ ފައިސާ ޖަމާ ކުރަންވާނީ އިންތިހާބާބެހޭ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހުޅުވާ ވަކި އެކައުންޓަކަށް ކަމަށް ދައުލަތުން ބުނާތީ ޖަވާބުގައި ޔާމީން ވިދާޅުވީ ޕާޓީގެ އެކައުންޓަށް އެ ފައިސާ ޖަމާކުރަން ނުޖެހޭ ކަމަށެވެ. އަދި ޕާޓީއާ ވަކިން ވެސް އަމިއްލަފުޅަށް ސިޔާސީ ކެމްޕެއިނަށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީއަކަށް ފައިސާ ދޭކަމަށް ވަންޏާ ސިޔާސީ ޕާޓީއެއްގެ އެކައުންޓަށް ފައިސާ ވަންނާނީ. އެހެން ނޫނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު އަދި ޕާޓީއާ ވަކިން ވެސް އޭނާގެ އަމިއްލަ ހައިސިއްޔަތުން ވެސް ސިޔާސީ ބައިވަރު އެތައް މަސައްކަތްތަކެއް ކުރާނެ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޔޫސުފް ނައީމް އަތުން ޑޮލަރު ގަތީ އެހެން މީހުން އަތުން ޑޮލަރު ލިބޭ ގޮތް ނުވުމުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ޔޫސުފް ނައީމް އަޅުގަނޑަށް ކޮށްދެއްވި ކަމަކީ ހަމަ އަގުން ޑޮލަރު މާރުކޮށް ދެއްވީ." ޔާމީން ވިދާޅުވި އެވެ.
އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެ މައްސަލަ ވެސް އޮތީ އިސްތިއުނާފްކޮށްފަ އެވެ. ހައި ކޯޓުގައި ދެން އޮންނާނީ ދައުލަތުން ޔާމީންގެ ވާހަކަތަކަށް ޖަވާބުދާރީވުމެވެ.