އއ. މަތިވެރި ފިނޮޅު، ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމަނަން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖއެވެ.

މަތިވެރި ކައިރީގައި އޮންނަ މަތިވެރި ފިނޮޅު ރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ރައީސް އަރިހު އެދުނީ 2021 ވަނަ އަހަރުއެވެ.

ރިޔާސީ ކެމްޕޭނުގައި އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަތިވެރި އަށް ވަޑައިގެން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް އެކަން ކުރަން ނިންމާފައިވާ ކަމަށެވެ.

"މިއަދު މިހިސާބަށް އައި އިރުގައި މަތިވެރި ފިނޮޅުގެ ހުރިހާ ކަމެއް ނިމި އެއޮތީ ކައުންސިލްގެ އިހުތިސާސް ތެރެއަށް ލާން ތައްޔާރަށް" ރައީސް ވިދާޅުވިއެވެ.

އަންނަ ހަފްތާ ގައި ބާއްވާ ޖަލްސާ ވަޒިރުން މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަތިވެރި ފަޅަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށްދޫކުރި 25 ރަށުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

ރައީސް މިއަދުވެސް ތަކުރާރު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާބާދީ ކުދި ރަށްތަކައި އަޅާނުލާ ކަމެވެ. 2018 ވަނަ "ޖަޒީރާ ރާއްޖެ" ގެ ތަސައްވަރަކާއެކު އެމްޑީޕީން ނިކުތީ އެކަން ބަދަލުކުރަން ކަމަށާއި، އެ ޕާޓީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖޭގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ އެ މެނިފެސްޓޯގެ ދަށުން ގިނަ ކަންތައްތަކެއް މިއަދު ކުރެވިފައިވެއެވެ. އަދި ބައެއް މަސައްކަތްތައް މިހާރު ނިމެނުންދާކަމަށްވެސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު މަތިވެރި ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ މި ދައުރު ނިމުމުގެ ކުރިން އެ ރަށަށް ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދާނެކަމެވެ. ރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް ސޯލިހު މަތިވެރި ރައްޔިތުން ގާތު އެދިވަޑައިގެންނެވިއެވެ.