އިދިކޮޅު ޕީޕީއެމް، ވެރިކަމަށް ހޮވައިފިނިމަ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ހުއްޓާލަން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު އެފަދަ ތުހުމަތެއް ކުރެއްވީ ރޭ ހއ. ހދ އަދި ށ އަތޮޅުގެ އިންތިހާބީ ކޯޑިނޭޓަރުންނާ ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް ރާވާފައިވާ ރޭވުމުގެ ތެރޭގައި އޮތީ އެ މީހުންނަށް (ޕީޕީއެމް/ޕީއެންސީ)އަށް ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އެއާޕޯޓް ހުއްޓުވާލަން" އެ މެސެޖު ރައްޔިތުންނަށް ރައްދުކޮށްދެއްވަން އެދިވަޑައިގަންނަވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި މީގެ ކުރިންވެސް ބޮޑު ތިލަދުން މައްޗަށް އެއްވެސް ކުރިއެރުމެއް ހޯދަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. ދެންވެސް ޕީޕީއެމްގެ ވެރިކަމެއް ހޮވައިފިނަމަ އެ ސަރަހައްދަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީން މިސާލު ނަންގަވައި މިނިސްޓަރު ސުވާލުކުރެއްވީ ޕީއެންސީގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ޑރ މުހައްމަދު މުއިއްޒު މިނިސްޓަރަކަށް ހުންނެވިއިރު އެ ސިޓީއަށް އެއްވެސް ކޮށްދީފައިވޭތޯއެވެ. "ކުޅުދުއްފުށި ރައްޔިތުންނާ ސުވާލުކުރައްވާ" ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ވަނީ ހުށަހަޅައިފައެވެ. ޑީޕީއާރް ފަންޑް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށާއި އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރް ގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ވަނީ ބަލައިގެންފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.