ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖޭގެ މަސްވެރިންނަށް ތިޔާގި ދުވަސްތަކެއް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފް ދެއްވައިފިއެވެ.
އަމިއްލަފުޅު ރަށް ކަމަށްވާ ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހުސައިން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފައެވެ.
އެގޮތުން ހުސައިން ވަނީ އުފަން ރަށުގެ މަސްވެރިން މިއަދު މަސްކިރުމަށް ކޫއްޑޫ އަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ 3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީ ގދ. ފިޔޯރީގައި ގާއިމް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންގެ އުދާސްތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.
ހުސައިންގެ ވާހަކަފުޅުގައި ވަނީ ޗައިނާއާއެކު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީންގެ ވެރިކަމުގައި ގާއިމް ކުރުމަށް ނިންމި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދަށުން މަހުގެ އަގު ހިފަހައްޓާނެ ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުވެވަޑައި ނުގަތުމުން އެކަން މަޑު ޖެހިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެނބުރި ވެރިކަން ލިބިއްޖެނަމަ އެ ފުރުސަތުގެ ތެރެއިން ތިޔަ މަސްވެރިންނަށް ތިޔާގަތި ދުވަސްތަކެއް ފޯރުކޮށް ދޭނެކަން އެއީ ޔަގީން ކަމެއް،" ހުސައިން ވިދާޅުވިއެވެ.
މީގެއިތުރުން ހުސައިން ވަނީ އަމިއްލަފުޅު ރަށަށް މުހިއްމު ހަތަރު ވައުދެއް ވެވަޑައިގެންފައެވެ. އޭގެތެރޭގައި ދަނާލެއް އަޅައި ދިނުމާއި ޒަމާނީ ފެންވަރަކަށް މަގުތައް ތަރައްގީ ކުރުމާއި ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލު ކުރުން ހިމެނެއެވެ. އަދި އެރަށުގައި ސިޓީ ހޮޓަލެއް އަޅައި ދެއްވާނެ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ