އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަގަހަތަކަށް ގެއްލުން ނުދީ ރީތީ ކެމްޕޭނެއް ކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އިލްތިމާސް ކުރައްވައިފިއެވެ.
މާރިޔާ އެހެން އިލްތިމާސްކުރައްވައި މިވަނީ ރޭ ގދ. ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ހަރުގެ އަށް ރޭ ކަޅުތެޔޮ ޖަހައި ގެއްލުން ދިނުމާއި ގުޅިގެންނެވެ. ސޯޝަލް މިޑިއާގައި އެމްޑީޕީގެ މެމްބަރުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ހަރުގޭގެ ހުރި ގޮނޑިތަކާއި މޭޒަށްވެސް ވަނީ ކަޅުތެޔޮ ޖަހާފައެވެ. ފުލުހުން ބުނީ މިއަދު ހެނދުނު އެ މައްސަލަ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެކަމަކު މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރައީސް ސޯލިހުގެ ތަރުޖަމާނު މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކެމްޕޭނަކީ ޑިމޮކްރަސީގެ ވަރަށް މުހިއްމު ބަޔަކަށްވާއިރު ކޮންމެ ކެނޑިޑޭޓަކަށްވެސް މިނިވަންކަމާއި އެކު ކެމްޕޭނުކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަ ޖެހޭނެ ކަމަށެވެ.
"ކެމްޕޭނުގެ ތެރެއިން ރައްޔިތުންނަށް އޮޅުން މި ފިލަނީ، ކޮންކަމެއްކަން ރައްޔިތުންނަށް މި އަންނަ ފަސް އަހަރެއްގެ ތެރޭގައި އެ ކެނޑިޑޭޓެއް ކޮށްދޭން އެ ބުނެވެނީ . އެ އަޑު ރައްޔިތުންނަށް ފޯރުކޮށްދެވެން ޖެހެނޭ އަދި ރައްޔިތުން އަޑު އަހާލަން ބިރުވެރިކަމެއް ނެތި މީހުންނަށް އާދެވޭވަރުކުރަންވެސް އެބަޖެހޭ" މާރިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2018 ވަނަ އެމްޑީޕީން އޭރު އިދިކޮޅުގައި އޮތް އިރުވެސް ކެމްޕޭނުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ވާދަވެރި ކެނޑިޑޭޓުންގެ ކެމްޕޭނަށް ހުރަސްއެޅުމަކީ އެމްޑީޕީން އެއްވެސް ގޮތެއްގައި ކުރާނެ ކަމެއް ނޫން ކަމެއްވެސް މާރިޔާ ވިދާޅުވިއެވެ.
" ފޮޓޯ ޝޯޓެއް ހޯދާލުމަށްޓާކައި އެކަން އިދިކޮޅު ފަރާތްތަކުން ނުކުރެއްވުމަށް ހުރިހާ ކެނޑޭޓުންގެ އަޑު އިއްވުމަށް ފުރުސަތާއި ޖާގަދެއްވުމަށް ޑިމޮކްރެޓިކް ޕްރޮސެސް އިހްތިޔާރު ކުރުއްވާ" މާރިޔާ އިލްތިމާސް ކުރެއްވިއެވެ.
ހޯނޑެއްދޫ ޖަގަހައަށް ގެއްލުން ދީފައިވާއިރު މީގެ ހަފްތާއެއް ކުރިން ގދ. މަޑަވެލީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު ޖަލްސާ އަށް ތައްޔާރު ކޮށްފައި ހުރި އެމްޑީޕީ ހަރުގޭގައި ހުޅުޖަހާ ރޯކޮށްލާފައިވެއެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރަނީ އެމްޑީޕިގެ ހަރުގެ ތަންތަނަށް ގެއްލުން ދެނީ އިންތިހާބުގެ ފޯކަސް ގެއްލުވާލަން ކަމަށެވެ.