މަޖިލިސް މެންބަރެއްގެ ހިދުމަތް ރައްޔިތުން އެދޭ ފެންވަރެއްގައި ނުކުރެވޭނަމަ، އެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޕެޓިޝަނެއް ހުށައަޅައި، މަގާމުން ދުރުކުރެވޭނެ ގޮތަށް ހަމަޖައްސޭ ގޮތަށް މެމްބަރުން ވަކި ކުރެވޭ ގޮތް އިސްލާހު ކުރައްވާނެ ކަމަށް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ވައުދުވެވަޑައިގެންފިއެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރައްވާފައިވާ ފާރިސްގެ މެނިފެސްޓޯގައި މަޖިލީހުގެ މެންބަރުންގެ މުސާރަ އަކީ މަޖިލީހުގެ މެމްބަރުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތަކަށް އެކަން އިސްލާހު ކުރުމާއި މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ކޯޓާ އެއް (ހާއްސަ ގޮނޑިތަކެއް) ތައާރަފް ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު އުފުލޭނެ މަގު ފަހި ކުރުމަށްޓަކައި ކޯޓާއެއް ތައާރަފްކުރުން ހިމަނާފައިވެއެވެ. އަދި މެންބަރުންގެ ހުންނަޖެހޭ ޝަރުތުތައް މުރާޖައާކޮށް، ހުންނަންޖެހޭ ތައުލީމީ ފެންވަރު މަތިކުރުމާއި މަޖިލީހުގެ މެންބަރުންގެ އަދަދު ރާއްޖޭގެ އާބާދީއާއި އެކަށީގެންވާ މިންވަރަކަށް މަދުކުރުންވެސް ހިމަނާފައިވެއެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރުމަށް ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމާއި، މާލެ ސަރަޙައްދަށް ރަޖިސްޓަރީ ކުރެވޭ ވެހިކަލްތަކަކީ ތިމާވެއްޓާއި ރަށްޓެހި ވެހިކަލް ތަކަށް ހެދުމާއި އެއް އުޅަނދަށްވުރެ ގިނަ އުޅަނދު އެކަކުގެ ނަމުގައި ރަޖިސްޓަރީ ކުރާނަމަ އަހަރީ ފީ ބޮޑު ކުރުން އަދި މާލޭ ސަރަޙައްދަށް ރަޖިސްޓަރީ ކުރާ "ޔޫސްޑް" ވެހިކަލްތަކުން ނެގޭ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.
މާލޭ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްތައް މަދުކުރުމަށް ދިގު ރާސްތާ ޕްލޭނެއް އެކުލަވާލާ އެކަން ތަންފީޒު ކުރަންވެސް ފާރިސް ވައުދުވެއެވެ. އުފެއްދުންތެރިކަން އިތުރުކޮށް ވަރުގަދަ ކުރުމުގެ ދަށުން ސްޓާޓް-އަޕް މޯލްޑިވްސް ބްރޭންޑެއް އުފެއްދުމާއި ލޯކަލް ބްރޭންޑްތައް އުފައްދައި އެ ފުޅާކުރުމަށް އެހީވެދުން އަދި ޒަމާނަށް ފެތޭ ވިޔަފާއިތައް ރާއްޖެއަށް ތައާރަފުކޮށް ކުރިއަށް ގެންދިޔުމަށްވެސް ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ފާރިސްގެ ވައުދުތަކުގެ ތެރޭގައި ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްގީގެ މަޝްރޫއުތަކަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުންވެސް ހިމެނެއެވެ.
ފެނާއި ކަރަންޓު އަދި ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރުމާއި މިހާރު ހުރި ހައުސިން ނީޑްސް އަދި ހައުސިންގ ސްޓޮކް ދެނެގަނެވޭ ގޮތަށް ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރާއި އަގުތައް ހިފެހެއްޓުމަށްޓަކައި އެފޯޑަބަލް ހައުސިންގެ އަދަދު އިތުރުކުރަންވެސް ފާރިސް ވައުދުވެއެވެ.