އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އެ ޓީމަށް ކުރިން ކުޅުނު މޭސަން ގްރީންވުޑާ މެދު ގޮތް ނިންމާނެ ކަމަށް ރިޕޯޓްތަކުން ބުނި ނަމަވެސް އެކަމުގައި ގޮތެއް އަދި ނުނިންމާ ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

އޭރުގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާ ދިނުމާއި، ރޭޕް ކުރި ކަމުގެ ތުހުއްމަތުގައި ގްރީންވުޑް ހައްޔަރުކޮށް ދައުވާ ވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އޭނާއާ ދެކޮޅަށް ކުރި ހުރިހާ ދައުވާއެއް ވަނީ އަނބުރާ ކޯޓުން ގެންގޮސްފައެވެ. އެއީ އޭނަގެ ކުރީގެ ލޯބިވެރިޔާ އެގޮތަށް ބޭނުންވެގެން ކަމަށް ކޯޓުން ވަނީ އޭރު ބުނެފައެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށްވެސް ޔުނައިޓެޑުން އޮތީ ގްރީންވޫޑް އަލުން އަނބުރާ ކުލަބުގެ ސްކޮޑަކަށް ނެގުމާމެދު ގޮތެއް ނުނިންމައެވެ. ރިޕޯޓްތަކުން ބުނި ގޮތުގައި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑުން އޭނާއާ މެދު ގޮތް ނިންމާނެއެވެ. އެކަމަކު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މިހާރު ފަށާފައިވާ އިރު، އަދިވެސް ގްރީންވުޑާ މެދު ގޮތެއް ނުނިންމައެވެ.

އެހެން ނަމަވެސް އަންނަ މަހު އޮންނަ އިންޓަނޭޝަނަލް ބްރޭކަށް ފަހު ގްރީންވުޑް އަނބުރާ ސްކޮޑަށް ނެގުމާމެދު ގޮތެއް ނިންމާނެ ކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ. ޔުނައިޓެޑުން ބުނީ ގްރީންވުޑުގެ މައްސަލަ އިތުރަށް ފަސްކުރީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނާތީއެވެ.

ގްރީންވުޑްގެ މައްސަލައިގައި އޭނާ ފުޓުބޯޅައިގެ އެއްވެސް ހަރަކާތަކުން ނުފެންނަތާ ދޮޅު އަހަރުވެފައިވާ އިރު، ޔުނައިޓެޑުން އޭނާ ސްކޮޑަށް ނުނަގައިފި ނަމަ އިޓަލީގެ ޔުވެންޓަސްއިން ވަނީ އޭނާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ގްރީންވުޑާއެކު އެއްބަސްވުމަކަށް ޔުވެންޓަސް އައިސްފައިވާ ކަމުގެ އަޑުތައް ވެސް މީގެ ކުރިން އޮތީ ފެތުރިފައެވެ.