މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ ރިކްރިއޭޝަން ކުލަބު ކަޓުވާލައި އެފްއެސްއެމް ސެމީއަށް ދަތުރުކުރި އިރު، މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު އެސްޓީއޯ އަތުން މޮޅުވެ އާރުއާރުސީ ވެސް ސެމީއަށް ދަތުރު ކޮށްފިއެވެ.
ކުއާޓާ ފައިނަލުގެ ފަހު މެޗުތައް ރޭ ކުޅުނު އިރު، ހުޅުމާލެ ރެހެންދި ޓާފުގައި ކުޅުނު ފުރަތަމަ މެޗުން އާރުއާރުސީ މޮޅުވީ 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެސްޓީއޯގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އޭއެފްސީ މެޗަށް އީގަލްސްއާއެކު ބަންގްލަދޭޝްއަށް ދިއުމުން އެ ޓީމަށް ރޭގެ މެޗުގައި ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.
އެގޮތުން އާރުއާރުސީގެ އެޓޭކްތައް ހުއްޓުވުމުގައި އަވަދިނެތި މަސައްކަތް ކުރަން ޖެހުނު އިރު، ފުރަތަމަ ހާފުގައި އާރުއާރުސީއަށް ލީޑު ނަގައިދިނީ އަބްދުﷲ ޔާމީން (ޔާނު) އެވެ. ޔާނު އެ މެޗުގައި ވަނީ ދެ ގޯލު ޖަހައިފައެވެ. ދެވަނަ ހާފުގައި ހުސައިން ގައްސާން ލަބީބް (ހުސީ) ވެސް އާރުއާރުސީއަށް ގޯލު ޖަހައިދިން އިރު، ފަހު ދެ ގޯލަކީ އަލީ ހާފިޒް (ހާއްޕެ) ކާމިޔާބުކުރި ދެ ގޯލެވެ. ހާއްޕެ ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
އެސްޓީއޯއިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ޖެހީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
އަނެއް ކޮޅުން ޗެމްޕިއަން ފެނަކަ ކަޓުވާލުމަށްފަހު ސެމީފައިނަލްގެ ޖާގަ ހޯދީ ޓީމް އެފްއެސްއެމް އެވެ. އެއީ ޕެނަލްޓީގައި 5-3 ން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމް 1-1 ން އެއްވަރު ވެގެންނެވެ. ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފެނަކައިންނެވެ. އެޓީމަށް ކުރިހޯދައިދިނީ ހުސައިން ނާޝިދުއެވެ. އެފްއެސްއެމްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ އަލްސަންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ނަތީޖާ ނެރުމަށް އެފްއެސްއެމްއިން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ފެނަކައަށް ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީއެވެ.