ޕީއެސްޖީގައި އުފެދުނު ނުތަނަވަސްކަމަށް ހައްލެއް ނުލިބުމުން އެކުލަބު ދޫކޮށްލަން ނިންމާފައިވާ ނޭމާ ހޯދަން އޭނަގެ ކުރީގެ ކުލަބު ބާސެލޯނާއިން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި، ސައުދީ އަރަބިއްޔާގެ އަލް ހިލާލުން ދެ އަހަރު ދުވަހުގެ އެއްބަސްވުމަކަށް ނޭމާއާއެކު އެއްބަސްވުމަކަށް އައިސްފިއެވެ.

ނޭމާ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ އޭރުގެ ރެކޯޑު ޓްރާންސްފާއަކަށެވެ. އެހެން ނަމަވެސް ނޭމާއަށް އެކުލަބުގައި އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު، އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހި ގިނަ ވަގުތު މަޑު ކުރަން ޖެހުނީ ކުޅުމާ ދުރުގައެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އަނިޔާގައި ހުރި ނޭމާ އަދިވެސް އެއްކޮށް ފިޓްވެފައި ނުވާއިރު ޕީއެސްޖީން މި ސީޒަނުގައި އޭނާއަށް ބަރޯސާ ނުވާނެކަން ވަނީ އަންގައިފައެވެ.

އެއާއެކު އެކުލަބުން ވަކިވުމަށް ޕީއެސްޖީއާއެކު ނޭމާ ވާހަކަދައްކަމުން އައި އިރު، ބާސެލޯނާ އޮތީ އޭނާ އަނބުރާ ގެންދިއުމަށް ފެވަރިޓުންގެ ގޮތުގައެވެ. ނަމަވެސް ފަހުވަގުތު އެ ޑީލު އެއްކޮށް އަނބުރާލީ ސައުދީގެ އަލް ހިލާލުން ހުށައަޅާފައިވާ ބޮޑު ބިޑުގެ ސަބަބުންނެވެ.

މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފެބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި މީގެ ދެ ދުވަސްކުރިން އަލް ހިލާލުން ހުށައެޅި ބިޑަށް ނޭމާ އެއްބަސްވެ، މިހާރު ވަނީ ސޮއި ކުރުމަށް ނިންމާފައެވެ. އަދި މިއަދުގެ ވަގުތެއްގައި މެޑިކަލް ފުރިހަމަ ކުރާނެއެވެ. އަލް ހިލާލުން ނޭމާ ހޯދުމަށް 100 މިލިއަން ޕީއެސްޖީއަށް ވެސް ދައްކާނެ ކަމަށާއި، ނޭމާގެ މުސާރައަށް އަހަރެއްގެ މައްޗަށް ރެކޯޑު އަދަދަކަށް ވެސް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އަހަރަކަށް 130 މިލިއަން ޕައުންޑް ނޭމާގެ މުސާރައިގެ ގޮތުގައި ދޭން އަލް ހިލާލުން ވަނީ އެއްބަސްވެފައެވެ. މި ޑީލު ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ނިމި ސޮއި ކުރާޏެ ކަމަށް ފެބްރީޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ.

ނޭމާ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އެތައް ފަހަރެއްގެ މަތިން އަނބުރާ އެކުލަބަށް ދާން ފާޅުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު ނޭމާގެ މުސާރަ އިންތިހާއަށް ބޮޑުވުމާއެކު ބާސެލޯނާއަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އަނބުރާ އެކުލަބަށް ނޭމާ ގެންދެވެން ނެތީއެވެ. ނޭމާގެ މިހާރުގެ މުސާރަ ވެސް އަހަރަކު 50 މިލިއަން ޑޮލަރާ ގާތް ކުރާއިރު، ބާސެލޯނާއިން އޭނާއަށް އެވަރުގެ މުސާރައެއް ނުދޭނެއެވެ. ބާސެލޯނާއިން ނޭމާ އަލުން ގެންގޮސްފި ނަމަ އޭނާއަށް އަހަރަކު 13 މިލިއަން ދޭން ހުށައެޅިއެވެ.