މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 50،000 ޑޮލަރު (ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ) އެހެން ކުންފުންޏެއްގެ އެކައުންޓަށް ޖަމާވުމުން އެ ފައިސާ ދައުލަތަށް ދައްކަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އދ. ފުށިދިއްގާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން 50،000 ޑޮލަރު އެމްއެމްޕީއާރްސީއަށް ދެއްކުމަށް ދޫކުރި ޗެކު ޖަމާވީ އެމްއެޗްއެމްއާރު ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަކަށެވެ.

އެމްއެޗްއެމްއާރު ކުންފުންޏަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތާ އާއިލާ ގޮތުން ގުޅުން އޮންނަ މީހެއްގެ ކުންފުންޏެކެވެ. އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަން ޖެހޭ ކަމަށް ހައި ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

އެ މައްސަލަ އެ ކުންފުނިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޗެކަށް އެކަނި ބަލައިގެން އެ ޗެކަކީ އެ ކުންފުންޏަށް ލިބެންޖެހޭނެ ފައިސާއެއް ކަމަށް ނުނިންމޭނެ ކަމަށެވެ. އަދި އެއީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބުނާނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ފައިސާއަކީ އެމްއެޗްއެމްއާރަށް ލިބެންޖެހޭ ފައިސާއެއް ކަން އެ ކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވެ އެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތް ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ޖަލު ހުކުމްތައް އިއްވާފައިވެ އެވެ. އެކަމަކު އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ގޭ ބަންދުގަ އެވެ.