ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ކުޅިވަރަށާއި ޒުވާނުންނަށް ވަކިން ހާއްސަކޮށްގެން ދެ ވުޒާރާއެއް އުފައްދަން އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ކުޅިވަރާއި ޒުވާނުންގެ ކަންތައް ބަލަހައްޓަމުން ގެންދަނީ މިހާރު އެއް މިނިސްޓްރީއެއްގެ ދަށުންނެވެ.

އެ ސިޔާސަތު ހިމަނާފައިވަނީ އޮންލައިންކޮށް މިހާރު އާއްމުކޮށްފައިވާ ޒުވާނުންގެ މެނިފެސްޓޯގެ އެމްޕަވާޑް ޒުވާނުންގެ ތެރޭގައެވެ. ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފައްދުމާއި، މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތުދޭނެ ކަމަށްވެސް މެނިފެސްޓޯގައިވެއެވެ.

ޒުވާނުންނަށް ހާއްސަކޮށްފައިވާ އިތުރު ބައެއް ކަންތައްތަކުގެ ތެރޭގައި މެންޓަލް ހެލްތްއަށް ހާއްސަކޮށްގެން، އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރުމާއި، ފިޓްނަސް ދާއިރާ ރެގިއުލޭޓްކުރުން، ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާއެކު ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމުކުރަން ހިމަނާފައިވެއެވެ.

ސިޓީތަކުގައި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމުކުރުމާއި، ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެމަރޖިންގް އީ-ސްޕޯރޓްސް، މާޝަލް އާޓްސް، ކައިޓް ސާފިންގް، ރޭސިންގް، އާބަން ސްކޭޓިންގް، ޕާކޯ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރާނެ ކަމަށްވެސް ޒުވާނުންގެ މެނިފެސްޓޯގައިވެއެވެ.

މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންދިޔުމާއި،ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅިވަރުގެ ތަމްރީނު ފުރުސަތު ހޯދައިދީ، ކުޅިވަރުން ކާމިޔާބީ ކަށަވަރުކޮށްދިނުން އަދި ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފްކުރާނެ ކަމަށް މެނިފެސްޓޯގައިވެއެވެ.

ތިލަފުއްޓާއި އެހެނިހެން ސަރަހައްދުތަކުގައި ރޭސިންގް ޓްރެކްތައް ގާއިމުކުރުންވެސް ޒުވާނުންގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ޒުވާނުންނަށް ޓެކޮނޮލޮޖީގެ ދާއިރާއިން ކުރިއަށް ރާވާފައިވާ ކަންކަން

  • އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ހާއްސަ ލެންޑިންގް ސްކީމެއްތައާރަފްކުރާނެ.
  • ޔޫތު ޓެކް ހަބްސް ގާއިމުކޮށް ޓެކްނޮލޮޖީގެ ތެރެއިން ކޯޑިންގް، ތްރީ-ޑީ މޮޑެލިންގް، ޕްރޮގްރާމިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީއިން ޒުވާނުން ކުރިއަށްދާނެ މަގުފަހިކުރުން.
  • ރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުން
  • ރާއްޖޭގެ އިންސްޓަންޓް ޕޭމެންޓް ގޭޓްވޭ އާއި ބޭރުގެ ޕޭމަންޓް ސިސްޓަމްތަކާއެކު ޑިޖިޓަލް ވިޔަފާރި ކުރެވޭނެ މަގުފަހިކުރުންޑިޖިޓަލް ދާއިރާއަކީ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހެދުން