ރޭސިން އަށް ހާއްސަކޮށް އަޅާ ޓްރެކް ގާއިމް ކުރާނީ ތިލަފުށީގައި ކަމަށާއި އެނޫން ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ރޭސިން ޓްރެކް ގާއިމް ކުރާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީން ވަނީ އެޕާޓީގެ ޒުވާނުންގެ މެނިފެސްޓޯ ލޯންޗު ކޮށްފައެވެ.

ޖުމްލަ އަށް ބަޔަކަށް ބަހާލާފައިވާ އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގައި ބުނެފައި ވަނީ ތިލަފުއްޓާއި އެހެނިހެން ސަރަހައްދުތަކުގައި ރޭސިންގް ޓްރެކްތައް ގާއިމުކުރާނެ ކަމަށެވެ. މި ބައި ހިމެނެނީ "ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގް" ގެ ދަށުންނެވެ.

މިބައިގައި އިތުރަށް ހިމެނެނީ:

  • ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެމަރޖިންގް އީ-ސްޕޯރޓްސް، މާޝަލް އާޓްސް، ކައިޓް ސަރފިންގް، ރޭސިންގް، އަރބަން ސްކޭޓިންގް، ޕާކޯރ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރާނެ.
  • މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންދާނެ.
  • ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅިވަރުގެ ތަމްރީނު ފުރުސަތު ހޯދައިދީ، ކުޅިވަރުން ކާމިޔާބީ ކަށަވަރުކޮށްދޭނެ.
  • ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފްކުރާނެ.

އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގައި އިތުރަށް ހިމެނޭ ބައިތަކުގެ ތެރޭގައި އެމްޕަވާޑް ޒުވާނުންނާއި ސްކިލްޑް ޒުވާނުންނާއި ޒުވާނުންގެ ބޯހިޔާވަހިކަމާއި ޒުވާން އޮންޓަޕްރިނާ ހިމެނެއެވެ.

އެމްޑީޕީގެ ކުރިޔަށް އޮތް ދައުރު ޒުވާނުންގެ ބޯހިޔާވަހިކަމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/ އަމިއްލަކުރެވޭނެ މަގުފަހިކޮށްދިނުން ހިމެނެއެވެ.

އަދި ފަސްޓް ޓައިމް ހޯމް އޯނަސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 ޕަސަންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ދޭން ނިންމާފައިވާއިރު ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ތައާރަފު ކުރުމަށް ވެސް ވަނީ ހިމަނާފައެވެ.