އެއްވެސް ޒުވާނަކު ބާކީ ނުކޮށް، ޒުވާނުންނަށް ބޭނުން ޖެހިފައިވާ ގިނަ ކަންތައްތަކެއް ހިމަނައިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެނިފެސްޓޯ އާއްމުކޮށްފިއެވެ.

"އާ ޒުވާނުންގެ ޖީލެއް" މި ނަމުގައި އެމްޑީޕީން މިޒުވާނުންނަށް ގިނަ ވައުދުތަކެއް ހިމަނާފައިވާ މި މެނިފެސްޓޯ ލޯންޗުކުރީ މިރޭ ނ. ވެލިދޫގައި އެމްޑީޕީން ކުރިޔަށް ގެންދާ ކެމްޕެއިން ޖަލްސާގައެވެ.

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ހުށަހަޅައި ދެއްވި މި މެނިފެސްޓޯގައި ޖުމްލަ 8 ބައެއް ހިމަނާފައިވެއެވެ. މި ހުރިހާ ބައިތަކަކީ ވެސް މިވަގުތު ޒުވާނުންގެ މެދުގައި އެންމެ ބޭނުންޖެހިފައިވާ ދާއިރާތައްކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ޒުވާނުން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުން ފަދަ ވިޔަފާރިއާ ގުޅުންހުރި ބައިތައް ހިމެނެއެވެ.

އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ބައިތައް:

1- އެމްޕަވާޑް ޒުވާނުން:

ޒުވާނުންގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި ގުޅޭ އިދާރީ އޮނިގަނޑު ހަރުދަނާކޮށް ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގައި ކަށަވަރުކޮށް ޒުވާނުންގެ އަޑު މުޖުތަމައުގައި އިއްވާނެ

2- ސްކިލްޑް ޒުވާނުން:

ޒުވާނުންގެ މަތީ ތައުލީމާއި ތަމްރީނާއި ހުނަރުވެރިކަން އިތުރު ކުރުމުގެ ފުރުސަތުތައް އިތުރުކޮށް، ފުދުންތެރި ޖީލެއް ބިނާކުރުން

3- ޒުވާނުންގެ ބޯހިޔާވަހިކަން:

އަގުހެޔޮ ފެންވަރު ރަނގަޅު ބޯހިޔާވަހިކަމަކުން ފުދުންތެރި ދިރިއުޅުމެއް ކަށަވަރުވާނެ މަގުފަހި ކުރުން. އެގޮތުން ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ތައާރަފު ކުރުމާއި ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސް ހެދުން ހިމެނެ.

4- ޒުވާން އޮންޓަޕްރިނަރ:

އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހި ކުރާނެ ވަސީލަތްތައް މުޅި ރާއްޖޭގައި ގާއިމްކޮށް އީޖާދީ ވިސްނުމާއި ފަންނުވެރިކަމާއި އުފެއްދުންތެރިކަން ކުރިއަށް ނެރުން. އެގޮތުން ޒުވާނުންނަށް ހާއްސަ ސްޓަރޓަޕް ލޯނު، އިކިއުޓީ ފައިނޭންސިންގް އަދި މައިކްރޮފައިނޭންސިންގް ލޯނު ތައާރަފް ކުރުން ހިމެނެ.