އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިންތިހާބުކޮށްފިނަމަ އަނިޔާވެރިކަން އަލުން އިޔާދަވެދާނެކަމުގެ މޭރުމަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހު ނ، އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. ފޮއްދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދެވަނަ ދައުރެއްގައި އެމްޑީޕީއާ އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަންގެ އަމާޒަކީ ރާއްޖެ މުޅިން އެހެން މަރުހަލާއަކަށް ގެންދިޔުން ކަމަށެވެ. އަސާސީ ހިދުމަތްތައް ފުއްދެމުންދާ ކަމަށާއި އަމާޒަކީ "އުފާވެރި އަމާން ރާއްޖެ"އެއް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ކަންކުރެއްވި ގޮތް އެއްވެސް ރައްޔިތަކު ހަނދާނުން ނައްތާލައިގެން ނުވާނެ ކަމަށާއި، ޕީޕީއެމް/ޕީއެންސީއާ ރާއްޖޭގެ ވެރިކަމާއި ހަވާލުވެއްޖެނަމަ ދެންކަންތައް ވެދާނެ ގޮތާމެދު ރައްޔިތުންނަށް ވިސްނުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
"ގަދަ ބާރުން ވެރިކަން ކުރެއްވީ. ބާރުގެ ބޭނުންކޮށްގެން. ހިޔާލު ތަފާތުވާ ކޮންމެ މީހަކަށް ޖެހުނީ ޖަލުގެ ކުޑަގޮޅި ހިޔާރުކުރަން. އެ ނޫން ގޮތަށް އެބޭފުޅުންނަށް ވެރިކަމެއް ނުކުރެވުނު. މިއަދުވެސް ދައްކަވަމުން އެ ގެންދަވަނީ އެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.
އާބާދީގެ ގޮތުން ކުދި ރަށްތައް ބާކީކޮށް ބޮޑެތި އާބާދީކަށް ޕީޕީއެމުން އިސްކަންދޭތީވެ އެކަމަށް ފާޑު ކިޔުއްވަމުން ވިދާޅުވީ ޕީޕީއެމް ވެރިކަން ލިބިއްޖެނަމަ ފޮއްދޫ ފަދަ އާބާދީގެ ގޮތުން ކުދި ރަށްތައް އެކަހެރިވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް ވިދާޅުވިއެވެ.
"ފެށި މަސައްކަތްތައް ހުއްޓުމަކަށް އައިސް ރައްޔިތުން ބިކަވެ ހާލުގައި ޖެހޭތަން އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް މީހަކު ދެކޭކަށް ބޭނުންނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެނިވަޑައިގެންނެވި މަންޒަރަކީ ރައްޔިތުން އެމްޑީޕީ އިންތިހާބުކުރަން ބޭނުންވާ މިންވަރު ކަމަށެވެ.