ފްރާންސްގެ ޕީއެސްޖީ ދޫކޮށް އެމެރިކާގެ އިންޓަ މައިއެމީއަށް ބަދަލުވުމަށްފަހު ކުޅުނު ފަސް މެޗުގައި ވެސް ލިއޮނެލް މެސީ ގޯލު ޖަހައި އެމެރިކާގެ ލީގު ކަޕުގެ ސެމީ ފައިނަލަށް އެ ޓީމު ގެންގޮސްދީފިއެވެ.
ރޭ ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ޗާރލޮޓް އެފްސީއާ ދެކޮޅަށް އިންޓަ މައިއެމީ ކުޅުނު ކުއާޓާ ފައިނަލް މެޗުން އެ ޓީމު މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޑޭވިޑް ބެކަމްގެ އޯނަރޝިޕްގެ ދަށުގައި އޮންނަ އިންޓަ މައިއެމީ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މެސީ ވަނީ އެ މެޗު ނިމެންދަނިކޮށް ގޯލެއް ޖަހައިފައެވެ. މިއީ އޭނާ މި މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރޭގައި ކާމިޔާބުކުރި އަށް ވަނަ ގޯލެވެ. ފުރަތަމަ މެޗުގައި ދެވަނަ ހާފުގެ މެދުތެެރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެ ޓީމު މޮޅުކޮށްދިނުމަށް ފަހު މިނަޓުގައި ވަނީ ހިލޭ ޖެހުމަކުން ގޯލު ޖަހައިފައެވެ. ޖެހިގެން އައި ތިން މެޗުގައިވެސް ދެ ގޯލު ޖެހި އިރު، ރޭ ވެސް ވަނީ ގޯލު ޖަހައިފައެވެ.
ޕީއެސްޖީގައި ލިބުނު މާޔޫސްކަމުގައި އަރައިގަނެ މެސީގެ ފަރާތުން އަނެއްކާވެސް ހިނިތުންވުން ފެންނަމުން އަންނަ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މެސީއާއެކު އެކުލަބުގައި އޭނާގެ ކުރީގެ ދެ ޓީމް މޭޓުން ކަމަށްވާ ސާޖިއޯ ބުސްކެޓްއާއި ޖޯޑީ އަލްބާ ވެސް އަންނަނީ ކުޅެމުންނެވެ. އެ ދެކުޅުންތެރިންގެ ސަބަބުން މެސީއަށް ކުޅެން ވަނީ އިތުރަށް ފަސޭހަވެފައެވެ.
އެމެރިކާގެ މޭޖާ ލީގު ސޮކާ އެމްއެލްއެސްގެ ތާވަލުގެ ފުލުގައި އޮތް އިންޓަ މައިއެމީ ނަގައި ކޮޅަށް ޖެހުމުގައި މި ތިން ކުޅުންތެރިންގެ އެހީތެރިކަން ލިބެމުން އަންނަ އިރު، ކުރިއަށް އޮތް ސެމީ ފައިނަލަކީ އެ ޓީމަށް ވަރުގަދަ އިމްތިހާނެކެވެ. ސެމީގައި އެ ޓީމު ބައްދަލު ކުރާނީ ފިލްޑެލްފިއާ ޔޫނިއަންއާއެވެ. އެ ޓީމުން ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ވަނީ މެކްސިކޯގެ ކުއެރެތާރޯ 1-2 އިން ބަލިކޮށްފައެވެ.
އުމުރުން 36 އަހަރުގެ މެސީ އެމެރިކާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާގެ މިހާރުގެ ޓާގެޓަކީ އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކުރުމަށް ފިޓްކޮށް ހުރުމެވެ. މެސީ ވަނީ އެންމެ ފަހުން ކުޅުނު ބައިނަލް އަގުވާމީ ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އެއީ މިދިޔަ އަހަރު އޮތް ވޯލްޑްކަޕާއި، ފައިނަލިސިމާ އަދި އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތެވެ.