ޕީއެސްޖީގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެ ނުލިބުމުން އެކުލަބު ދޫކޮށް ނޭމާ އެންމެ ގަދަޔަށް ވިދާލި ބާސެލޯނާއަށް އެނބުރި ދާން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ނޭމާ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ އޭރުގެ ރެކޯޑު ޓްރާންސްފާއަކަށެވެ. އެހެން ނަމަވެސް ނޭމާއަށް އެކުލަބުގައި އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު، އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހި ގިނަ ވަގުތު މަޑު ކުރަން ޖެހުނީ ކުޅުމާ ދުރުގައެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އަނިޔާގައި ހުރި ނޭމާ އަދިވެސް އެއްކޮށް ފިޓްވެފައި ނުވާއިރު ޕީއެސްޖީން މި ސީޒަނުގައި އޭނާއަށް ބަރޯސާ ނުވާނެކަން ވަނީ އަންގައިފައެވެ.
ޕީއެސްޖީގެ އައު ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން އެ ޓީމު އަލުން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އޭނަގެ ކައިރި އަދި ދުރު ރާސްތާ ޕްލޭނުގައި ނޭމާ ނުހިމެނޭކަން އެނގުމާއެކު ޕީއެސްޖީއާއި ނޭމާ ވަނީ އޭނަގެ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކޮށްފައެވެ. އަދި އެއާއެކު ނޭމާގެ ކުރީގެ ކުލަބު ބާސެލޯނާއިން އެ ދަނޑިވަޅުގައި ނޭމާ ހޯދަން މަސައްކަތް ފެށި އިރު، ޕީއެސްޖީން ވެސް މިހާރު ވަނީ ގޮތް ދޫކޮށް ނޭމާ ފޮނުވާލަން ނިންމާފައެވެ.
ނޭމާ ބާސެލޯނާ ދޫކޮށް ދިޔަ ފަހުން އެތައް ފަހަރެއްގެ މަތިން އަނބުރާ އެކުލަބަށް ދާން ފާޅުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު ނޭމާގެ މުސާރަ އިންތިހާއަށް ބޮޑުވުމާއެކު ބާސެލޯނާއަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އަނބުރާ އެކުލަބަށް ނޭމާ ގެންދެވެން ނެތީއެވެ. ނޭމާގެ މިހާރުގެ މުސާރަ ވެސް އަހަރަކު 50 މިލިއަން ޑޮލަރާ ގާތް ކުރާއިރު، ބާސެލޯނާއިން އޭނާއަށް އެވަރުގެ މުސާރައެއް ނުދޭނެއެވެ. ބާސެލޯނާއިން ނޭމާ އަލުން ގެންގޮސްފި ނަމަ އޭނާއަށް އަހަރަކު 13 މިލިއަން ދޭން އޮތީ ހުށައަޅައިފައެވެ.
ބާސެލޯނާއިން ނޭމާ އެކުލަބަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެކުލަބުގެ މިޑްފީލްޑަރު އުސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ބަދަލުވާން ނިންމާފައެވެ. އެހެން ކަމުން އެ ޓްރާންސްފާގެ ސަބަބުން ނޭމާ ބާސެލޯނާއަށް ދޫކުރަން ޕީއެސްޖީއަށް އިތުރު ފަސޭހައެއްވާނެއެވެ. އެކަމުގައި ހުރިހާ ބާރެއް އޮތީ 31 އަހަރުގެ ނޭމާ އަތުގައެވެ. ނޭމާ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމުން އޭނާއަށް މާލީގޮތުން ގެއްލުންތަކެއް ވާނެއެވެ.
އެހެން ނޫންނަމަ ބާސެލޯނާއިން ޖެހޭނީ ޕީއެސްޖީން ނޭމާއަށް ކަނޑައަޅާފައިވާ ރިލީޒް ކުލޯސް ދައްކަންށެވެ. ނޭމާގެ ރިލީޒް ކްލޯސްއަކަށް ޕީއެސްޖީން ކަނޑައަޅާފައިވާ ފައިސާގެ އަދަދު 200 މިލިއަނަށްވުރެން އިތުރެވެ.