ރާއްޖެ ބައިނަލްއަގުވާމީ ފައިބާ ކޭބަލްއާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯސީއެމް-އައިއޭއެކްސް) ކޭބަލް އިފްތިތާހްކުރުމަށް އިއްޔެ ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޯސީއެމް-އައިއޭއެކްސް ކޭބަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމަކާ ރާއްޖެ ސީދާ މި ގުޅައިލެވެނީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެ ކޭބަލްއާއެކު އިފްތިތާހުވެގެން އެދަނީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުންކަމުގައި ވިދާޅުވެފައެވެ.
މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ބައިނަލްއަގުވާމީ ފައިބާ ކޭބަލްއަކާ ގުޅައިލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެވެސް ބިންގާ. އަޅުގަނޑުމެން މިއަދު މިއެޅީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި ކޭބަލް ވިއުގަޔާ ގުޅުމުން، ހިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެކަމުގައެވެ.
އަދި އެއާއެކު ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދެވޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުން ލިބިގެންދާނެ އިތުރު ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް ކުރާ މަސައްކަތްތަކަށާއި ސެޓެލައިޓް ސްކޫލްތައް ހިންގުންފަދަ ކަންކަންކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމާއި އަދި ޑިޖިޓަލް ޓެކްނޮލޮޖީއާ ފުޅާވެގެންދިއުމަކީ ތިމާވެއްޓަށްވެސް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއްކަން ފާހަގަކުރައްވާފައެވެ.
އޯސީ.އެމް-އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މަޝްރޫއަކީ ޓެކްނޮލޮޖީ ދާއިރާއިން ރާއްޖެ އައު ހަރުފަތަކަށް ގެންގޮސްދީ، ރާއްޖެއަށް އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފާ ސްޕީޑް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ގައުމުތަކާ ގުޅައިލެވޭނެއެވެ.