އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނާ ދެކޮޅަށް "ހުތުރު" ހަރަކާތްތައް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް ކެމްޕޭނަށް ހުރަސް އަޅައި ހަމަނުޖެހުން ބައެއް ރަށްރަށުން ހިންގައެވެ. އަދި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަންތަނަށް ގެއްލުންވެސްދެއެވެ. އެކަންކަން ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ ޕީޕީއެމްގެ މެމްބަރުންކަމަށް ތުހުމަތު ކުރެވެއެވެ. ހަމަނުޖެހުން ހިންގާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެއެވެ. އެކަމަކު އެ އެންމެންވެސް ފަހުން ދޫކޮށްލައެވެ.

ގއ. ވިލިނގިލީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ރޭ ވިދާޅުވީ ރައީސް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް އެމަނިކުފާނަށް ދެކޮޅަށް ކަންކަން ހިންގަނީ ރޭވިގެން ކަމަށާއި އެކަން ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މައުލޫމާތު ލިބޭ މިކަން ކުރަނީ ވަރަށް ސާފުކޮށް، ކުދިން ލައްވާ، ނިކަމެތި ރައްޔިތުންލައްވާ ވިޔާނުދާ ކަންތައް ކުރުވުމުގެ ވިސްނުމެއް ހުންނަ ބައެއް ސިޔަސީ ލީޑަރުން،" ވާދަވެރިންނަށް ތުހުމަތު ކުރައްވަމުން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަށް ހިތްވަރު ދެއްވާ ބޭފުޅުން ތިއްބަވަނީ "ފިނި ކޮޓަރީ" ގައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހެނީ އާދާއިގެ ރައްޔިތުން ކަމަށެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ކުރަމުންދާ "ރީތީ" ކެމްޕޭނު ނުހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ. ހަމަނުޖެހުން ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ވަޑައިގަންނަވާއިރު ގާއުކާއި ވެލިއުކާކަށް އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން، ދޭކަށްނުވެސް ޖެހޭނެ،" އިމްރާން ވިދާޅުވިއެވެ. "ދުރަށް ޖައްސާލިމަ އަޅުގަނޑުމެން ހަރުކަށިވަނީކީ ނޫން. އެއީ ދައުލަތެއްގެ ހަމަ ހިފަހައްޓަނީ ދައުލަތެއްގެ ނިޒާމު ހިފަހައްޓަނީ،" ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާ ވާހަކައަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.

މިނިސްޓަރު ދެއްވި ޔަގީންކަމަކީ ކެމްޕޭނުކުރުމަށް ހަމަހަމަކަމާއި އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު މި ސަރުކާރުން ދޭނެ ކަމެވެ. އިލްތިމާސްކުރެއްވީ ވެސް އެފަދައިންނެވެ.