އައްޑޫ ސިޓީއަށް މުދާ އެތެރެ ކުރުމަށް ގިނަ އަދަދެއްގެ ކޮންޓޭނަރު އުފުލޭ ބޯޓެއް ގަތުމަށް ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން، ބޮޑު އާގުބޯޓެއް ގަތުމަށް ބޭރު ބަޔަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބައިނަލްއަޤްވާމީ ބަނދަރުތަކުން އައްޑޫ ސިޓީއަށް މުދާ އެތެރެ ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޝިޕިންގ ކުންފުނިން ގަތް ބޯޓަކީ އެމްއެސްއެސް އޯޕަލްއެވެ.

މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންދިއުމާއި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ. އެމްއެސްއެސް އޯޕަލްއަކީ 105 ކޮންޓެއިނަރު އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެއް ކަމަށް އެމްއެސްއެސްއިން ބުނެއެވެ. އަދި އޭގެ ތެރޭގައި 20 ރީފަރ ކޮންޓެއިނަރ ހިމެނެއެވެ.

މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށާއި މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ޤަވާއިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ޚިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެ ކަމަށް ވެސް އެމްއެސްއެސްއިން އިން ބުނެއެވެ.

މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެން ވެސް ދާނެއެވެ.

މި ބޯޓް ރާއްޖެގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެއެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެ އެވެ. 2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން މި ބޯޓް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.