އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކްލަބް އަތުން 2-0 ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މޮޅުވި މެޗުގައި ސަސްގެ އާކިފް ބިން މުހައްމަދު ރެކޯޑެއް މުގުރާލައިފިއެވެ.
ރޭ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި އާކިފް މުގުރާލި ރެކޯޑަކީ ސީނިއާ ލެވެލްގައި ދިވެހި ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ. ރޭގެ މެޗުގައި އޭނާ ލީގުގައި ކުޅުނު އިރު އުމުރަކީ 13 އަހަރާއި 11 މަހެވެ. އާކިފް އަކީ ސަސްގެ ފުޓުބޯޅަ އެކެޑެމީގެ ކުޅުންތެރިޔެކެވެ.
އާކިފް މި ރެކޯޑު މުގުރާލި އިރު، އެ ރެކޯޑު އޮތީ ވެލެންސިއާއަށް ކުޅެމުން އަންނަ މުހައްމަދު އިލާން އިމްރާން އަތުގައެވެ. މިދިޔަ ޖެނުއަރީ މަހު 14 އަހަރު ފުރުނު އިލާން މިފަހަރުގެ ލީގުގައި ކުޅެންފެށި އިރު އުމުރަކީ 14 އަހަރާއި 2 މަހާއި 29 ދުވަހެވެ. އޭނަގެ ފަހަތުގައި ދެން އޮތް އީތަންގެ އުމުރަކީ 14 އަހަރާއި ފަސް މަހާއި ނުވަ ދުވަހެވެ. ހަމަ އެއާ އެކު އޭގެ ފަހަތުން ހަތަރުވަނައިގައި ވެސް އޮތީ ވެލެންސިއާގެ އަހުމަދު ކާއިން ގަޔާޝްއެވެ. އޭނާ ފުރަތަމަ މެޗު ކުޅުނު އިރު އުމުރަކީ 14 އަހަރާއި ހަ މަހާއި ހަތް ދުވަހެވެ.
މި ސީޒަނުގައި ޒުވާން ކުޅުންތެރިންތަކެއް އިތުރު ރެކޯޑްތައް ވެސް ވަނީ މުގުރާލައިފައެވެ. އެގޮތުން މިދިޔަ މެޗުގައި ޔޫވީ ކޮޅަށް ވެލެންސިއާއިން ޖެހި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީ އީތަން ވަނީ ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފައެވެ. އަދި އެ ގޯލު ޖަހަން ތަނަވަސްކޮށްދިން އިލާން ވެގެން ގޮސްފައިވަނީ ދިވެހި ލީގުގައި އެސިސްޓް ކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ސަސް އިން ލީޑުނެގީ މެޗުގެ 22 ވަަނަ މިނިޓްގައި އަލީ ނަސޫހު (ޕިލާ) ޖެހި ގޯލުންނެވެ. ކައުންޓަ އެޓޭކެއްގައި ޕިލާ މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މުހައްމަދު ސަހާއު (ބޭލް) އެވެ. ބޭލް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ޕިލާ ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ސަސްގެ ދެ ވަނަ ގޯލު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޕިލާ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ސަަސްގެ މުހައްމަދު އަލާއު ނެގި ކޯނަރަކަށް އަރައި، ޕިލާ ވަނީ ބުރު ކީޕަރު އަބްދުﷲ އަރުޝަން އަތުން ދޫވެގެން އައި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.