މި ސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންގެންދާ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރިއިރު އެ ލިސްޓުގައި ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް އަންނަ ދައުރުގެ ތެރޭގައި ފްލެޓު ލިބިގެން ދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ގދ. ނަޑެއްލާ އަށް ވަޑައިގެން މިއަދު ވާހަކަދައްކަވަމުން ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެ އެއް ހޯދައި ދިނުމަށްޓަކައި އެމްޑީޕީން ކުރާ މަސައްކަތް އަންނަ މަހުގެ 9ވަނަ ދުވަހު އޮންނަ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"މިއަދު އެވަނީ މާލޭގެ ފްލެޓް ލިސްޓު އިއުލާނު ކުރެވިފައި, އޭގައި ޝަރުތު ހަމަވާ 13000 އަށްވުރެ ގިނަ މީހުން އެބަ ހިމެނޭ. އެއިން ކޮންމެ މީހަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެއިން ފްލެޓް އަޅައިދީ ހަވާލުކޮށްދޭނަން," ރައީސް ސޯލިހް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކުރިމަތިލާފައިވާ 6،208 މީހުންނެވެ.

މިނިސްޓްރީން ބުނީ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާކަމަށް ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ ދިރިއުޅުމުގެ ހާލަތާގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އާ ހަމަޔަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ. އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.