ކަނޑައަޅާ އުސޫލެއްގެ މަތިން ސްޓޫޑެންޓް ލޯނު މައާފުކުރުމާއި ސެޓްފިކެޓް އެކަކުން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދޭ ގޮތަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯ ލޯންޗް ކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕޭނުގައި ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ހާމަކޮށްފައެވެ. އެގޮތުން އެމްޑީޕީއާއި ގުޅިފައިވާ މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ.

އޭގެ ތެރެއިން މިރޭގެ ޖަލްސާގައި އިފުތިތާހު ކޮށްފައިވަނީ އުފާވެރި ދިރިއުޅުން ސިޔާސަތު އެކަންޏެވެ. އެ ސިޔާސަތު ބަހާލާފައިވަނީ ޖުމުލަ ތިން ބަޔަށެވެ. އެއީ ދުޅެހެޔޮ ބަދަހި މުޖުތަމައު, އުފެއްދުންތެރި ޖީލު އަދި ޝާމިލު އޯގާތެރި ރައްޔިތުންނެވެ.

މިރޭ ލޯންޗުކުރި މެނިފެސްޓޯގައި ހިމެނޭ އުފެއްދުންތެރި ފުދުންތެރި ޖީލުގައި ހިމެނޭ ފެންވަރު ކަށަވަރު ތައުލީމާއި ތަމްރީނުގެ ބައިގެ ތެރޭގައި ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ޒަމާނީ އީ-ލާނިން ނިޒާމުތައް ގާއިމުކުރުމަށް ހިތްވަރުދީ، އީ-ލާނިންގް ނިޒާމުގެ ފެންވަރު އެކަށައެޅި، އީ-ލާނިންގް މެދުވެރިކޮށް ކިޔެވޭނެ ދާއިރާތަކާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެ އެވެ.

އެ ބައިގައި ހިމެނޭ އެއް ވައުދަކީ މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރުމެވެ. ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރުމަކީ ވެސް ވައުދެކެވެ.

ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތުދޭން ވެސް މެނިފެސްޓޯގައި ވައުދު ވެފައިވެއެވެ.

މަތީ ތައުލީމާ ގުޅޭ ބައެއް ބޮޑެތި ވައުދުތައް

  • ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމާއި ތަމްރީނުގައި ޝާމިލުނުވާ އަދި އާމްދަނީ ލިބޭފަދަ މަސައްކަތެއްގައި ޝާމިލުނުވާ 16 އަހަރާއި 18 އަހަރާއި ދެމެދުގެ ދަރިވަރުންނަށް އެކްސްޓެންޑެންޑް ސްކޫލް ނިޒާމުގެ ތެރެއިން ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއިއެކު ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދީ، ޖޮބް ޕޯޓަލްގައި ހަރަކާތްތެރިކުރުވާ، ގަވާއިދުން ފުރިހަމަކުރަންޖެހޭ ރިފްރެޝަރ ޕްރޮގްރާމްތަކާއި ހާޒިރުވާންޖެހޭ ކެރިއަރ ގައިޑަންސް ސެޝަންތައް ތައާރަފްކުރާނެ.
  • މި ޕްރޮގްރާމްތައް ކުރިއަށްގެންދާނީ ޕަބްލިކް-ޕްރައިވެޓް-ޕާރޓްނަޝިޕްގެ އުސޫލުން.ވަޒީފާގައި އުޅެމުން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރާ ފަރާތްތަކަށް އެ އިދާރާއެއް މެދުވެރިކޮށް އިން-ސަރވިސް ޓްރެއިނިންގގެ ފުރުސަތުދޭނެ.
  • މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެ.
  • އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރުކުރާނެ.ލޯނު ފުރުސަތުގެ ދަށުން ކިޔަވަން ފުރުސަތު ދޭއިރު ރާއްޖޭގައި މިހާރު ޕްރޮފެޝަނަލީ ހަރަކާތްތެރިވާ ބިދޭސީން ތިބި ދާއިރާތަކާއި އަދަދަށް ބަލާ، އެ ދާއިރާތަކުން ކިޔެވުމަށް ފުރުސަތުދެވޭނެ.
  • ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިންފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ.ހިލޭ ޑިގްރީ ޕްރޮގްރާމަށް ހާއްސަ ސްޓޫޑަންޓް ސަޕޯޓް ސަރވިސް ޔުނިޓެއް ގާއިމުކުރާނެ.ހިލޭ ޑިގްރީގެ ދަށުން ކަމާގުޅޭ އިދާރާތަކާ ކުރަންޖެހޭ ފައިސާގެ މުޢާމަލާތް ކުރުމުގެ އުސޫލު ލުއިފަސޭހަކުރާނެ.
  • ތަފާތު އެކި ހުނަރު ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ސްކިލް ބޭސްޑް ސްކޮލަރޝިޕް ތައާރަފްކުރާނެ.ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާއަށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިންގް) ފުޅާކޮށް، އަޕްސްކިލިންގް/ރީ-ސްކިލިންގް ފުރުސަތުތަކާއެކު ސެޓިފައިޑް ޕްރޮފެޝަނަލްސް ތައާރަފްކުރާނެ.ހުނަރު ތަރައްގީކުރެވޭނެ ހަބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުން 18،000 އަށްވުރެ ގިނަ ކުދިންނަށް ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހޯދައިދެވިއްޖެ ކަމަށާއި އޭގެ ތެރެއިން 7،000 އަށްވުރެ ގިނަ ކުދިން މިހާރުވަނީ ހިލޭ ޑިގްރީ ޕްރޮގްރާމުން ދަސްވެނިވެފައި ކަމަށް ވެސް ބުންޏެވެ.