ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއެ ކުރެއްވިތާ ނުވަ އަހަރު ފަހުން މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެ ޕާޓީއިން މިއަދު ވަކިވެވަޑައިގެންފިއެވެ.

މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އިއުލާންކުރެއްވީ ސިޔާސީ ޕާޓީން ވަކިވުމަށް ހުށަހަޅާ ފޯމެއްގެ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގަ އެވެ. ޖުމްހޫރީ ޕާޓީން މިއަދު ރަސްމީކޮށް ވަކިވަޑައިގެންނެވި އިރު މައުސޫމް އަންނަވަނީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކެމްޕޭނުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިއަދު މައުސޫމް ކުރެއްވި ޓުވީޓުގައި ވަނީ ޖޭޕީގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީގެ ލީޑަޝިޕާއި މެމްބަރުން ބެހެއްޓެވި ގާތް ކަމަށް އޭނާ ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޖޭޕީއަށް މައުސޫމް ސޮއިކުރެއްވީ މެއި 5، 2014 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޑީއާރުޕީގަ އެވެ.

ޖުމްހޫރީ ޕާޓީއިން ލިބުނު ސްލޮޓެއްގައި ޓުއަރިޒަމް މިނިސްޓަރުކަމަށް މައުސޫމް ވަަޑައިގެންނެވި އިރު، ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، މ. ކުނޫޒުން ހިންގަވާފައިވާ ދަރުބާރުގެ އަށް ވަޑައިގެން ޖޭޕީގެ ލީޑަރު ގާސިމް މިއަދު ވަނީ އިންތިހާބަށް ފޯމު ހުށަހަޅުއްވައިފައެވެ.

https://twitter.com/Mausoom_Maus/status/1688512055308107776?s=20

ގާސިމްގެ މި ފަހަރުގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މިހާތަނަށް ފޯމު ހުށަހެޅުއްވީ ގާސިމްގެ އިތުރުން އެމްޑީޕީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސް އިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ޕީއެންސީން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ކަމަށްވާ އުމަރު ނަސީރާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލެވެ.