އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ގޮވާލެއްވުމަށް ފަހު އިންތިހާބުގައި ޕީއެންސީގެ ފަރާތުން ޑރ މުހައްމަދު މުއިއްޒު ވާދަކުރައްވަން ކުރީގެ ރައީސް ޔާމީން ތާއިދުކުރެއްވިކަމާއި މެދު ޝައްކު އުފެއްދިއްޖެއެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމުމާއި އެކު ނޯޓު ކޮޅެއް މެދުވެރިކޮށް އެމަނިކުފާނު ވަނީ އިންތިހާބު ބޮއިކޮޓްކުރަން ގޮވަލައްވައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް މެސެޖެއް ފޮނުއްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ބޭއްވި ޖޮއިންޓް ސެނެޓުގެ ބޭއްވި ބައްދަލުވުމުގައި ފާސްވީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. ސަބަބަކީ ޔާމީން މިނިވަންވާނެ ހަމައެކަނި ގޮތަކީ ޕީޕީއެމުން އިންތިހާބުގައި ވާދަކުރުން ކަމަށްވާތީވެއެވެ.
އެކަމަކު މިއަދު ހެނދު ކުއްލިއަކަށް އެ ނިންމުން ޔާމިން ބަދަލުކުރައްވާފައިވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ބޭފުޅާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައިވިއެވެ. ޖަމީލް ކުރެއްވި ޓްވީޓުގައި ވަނީ މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެފައެވެ. ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށާއި އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެންބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
"ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައެވެ،" ޖަމީލް ވިދާޅުވިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މައި މަރުކަޒަށް ވަޑައިގެން މުއިއްޒު ފޯމު ހުށަހެޅުއްވިއިރު އަރިހުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އަދި ޕީޕީއެމްގެ އެސްޖީ ތޮލާލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫނު ފިޔަވައި މަޖިލީހުގެ އެއްވެސް މެމްބަރަކު މި ހަބަރު ލިޔުމާއި ހަމަޔަށް މުއިއްޒުއަށް މަރުހަބާ ވިދާޅުވެ ޓްވީޓު ކުރައްވާފައިނުވެއެވެ. ޓްވީޓް ނުކުރައްވަނީ ކީއްވެގެންތޯ ލީޑާޝިޕްގެ އިސް ބޭފުޅެއް ގާތު "ހަތާވީސް" އިން އަހާލުމުން ދިން ޖަވާބަކީ "މަޑުކޮށްގެން މިތިބީ ރައީސް ޔާމީންގެ އިންސްޓްރަކްޝަނަށް" ކަމަށެވެ.
ރައީސް ޔާމީންގެ ނިންމުން ބަދަލު ނުކުރައްވަނީސް މުއިއްޒު ފޯމް ހުށަހެޅުއްވީތޯ ސުވާލުކުރުމުން މައްސަލައިގެ ގޮތުން ނަން ހާމަކުރަން ބޭނުން ނުވާ ބޭފުޅާ ވަނީ ޔާމީންގެ ނިންމުން ބަދަލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"މީ މުއިއްޒު ހިންގި ބަގާވާތެއް. ގޮތް ހުސްވީ ރައީސް ޔާމީން ކޯނާ ވީ" މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ތިކަން އެނގޭނީ މިރޭ" ތަކުރާރުކޮށް އިތުރަށް އޮޅުންފިލުވަން ސުވާލުކުރުމުން އެ ބޭފުޅާ ދެއްވި ޖަވާބަކީ މިއެވެ. އެބޭފުޅާގެ ވާހަކައިން ދޭހަވި ގޮތުން ނަމަ ޔާމީންގެ ނިންމުން އަދިވެސް ބަދަލެއް ނުކުރައްވައެވެ.
ޔާމީންގެ ވަކީލު ޑރ ޖަމީލް ގާތުގައި ލީޑާޝިޕުގެ ބޭފުޅާ ވިދާޅުވި ވާހަކައާ ގުޅޭ ގޮތުން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވައެވެ. އަދި ދެކެވޭ ވާހަކަ ދޮގެއްވެސް ނުކުރައްވައެވެ. ވިދާޅުވީ "ތިކަމުގެ ތެރެއަށް ވަންނަން އަޅުގަނޑު ބޭނުމެއް ނޫން" ކަމަށެވެ.
އެކަކުވެސް ވާރސްޓްކޭސް ސިނާރިއޯ ބޭނުމެއް ނުވާނެއެވެ. އެހެނަސް ރައީސް ޔާމީނަށްވެސް ގޮތް ހުސްވީއެވެ. ގޮތްހުސްވީ ލީޑަރޝިޕޭ ކިޔައިގެން މިއުޅޭ ހުރިހާ މަނާތަކަށްވެސްއެވެ. ގަބޫލަސް ނުގަބޫލަސް ފޯރމްލާނެކަން ޔަގީންވީއެވެ. ބަލަންތިއްބާ ފެހުރިހި އައިސް ދެޕާރޓީ އެއްކޮށް އެދިރުވާލީއެވެ. އެއެއްޗެއް ހޯދި ގޮތަކަށް އެއްޗެއް އަބުރާ ދާނެއެވެ.
އަލިކޮއިޜޔ އަށް ނުނުކުމެވެެ ހާލަތުގައި މުއިއްޒު ނުކުތުން އެއީ އެއްމެ ރަނގަޅުގޮތް އިންތިޚާބު ބޮއިކޮޓުކުރުމަކީ އެމްޑީޕީއަށް ލިބޭނެޚާމިޔާބެއް ޕީޕީ އެމް މެމްބަރުންނަށް ލިބޭނެ ގެއްލުމެއް
މިއަދުތީ ބޯފަން އަބްދޯ ދިން މައުލޫމާތެއް. އެއި ދޮގެއް.
ތޮރޭ