އިދިކޮޅު ޕީޕިއެމް/ޕީއެންސީ އަކީ ވަކި މީހެއްގެ މަސްލަހަތު އިސްކުރާ ޕާޓީއަކަށް ނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ދ. މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކެނޑިޑޭޓަކު ކަނޑަނޭޅި އޮތުމަކީ ގައުމަށާއި ޕާޓީއަށް ލިބޭނެ ދެރައެއް ކަމަށެވެ. ވާދަވެރި ސިޔާސަތް ހިންގޭނީ ހުރިހާ ޕާޓީއެއް ވާދަވެރިކަމާއި އެކު މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕީޕިއެމް ފެންނަނީ ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު މަސައްކަތްކުރަމުން އެގެންދަނީ އިންތިހާބު ބޮއިކޮޓްކުރަން. ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި" ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް އެކަން ކަނޑަތު ކުރިން" އެމްޑީޕީގެ ޕްރައިމަރީ ނަތިއްޖާ ގަބޫލުކުރަން ދެކޮޅު ހަދައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އުފެދުނު ކޯޅުގަނޑުގެ ތެރެއިން ކަންކަންވެގެން ދިޔަ ގޮތަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުން އެމްޑީޕީ އަރައިގަތީ ޕާޓީގެ އިސް ބޭފުޅުން ނިކުމެވަޑައިގެން ކަމަށެވެ. މިއަދު އެމްޑީޕީއަކީ ހަމަހަމަ ފުރުސަތު އެންމެންނަށްވެސް އޮތް ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ވާދަވެރި ޕީޕީއެމަށްވެސް ވަކި މީހެއްގެ ފަހަތުގައި ނުތިއްބަވާ ކެނޑިޑޭޓަކު ނެރެގެން ކުރިއަށް ވަޑައިގަންނަވާށޭ" ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ އަގުލަބިއްޔަތު މެންބަރުންގެ ވިސްނުމާއި އެއްގޮތަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓު ނުކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވީ ކުއްލި ގޮތަކަށެވެ. އެކަން ހާމަކުރެއްވީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް ކުރެއްވި ޓްވީޓުގައި ވަނީ މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ވިދާޅުވެފައެވެ. ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށާއި އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެންބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައެވެ،" ޖަމީލް ވިދާޅުވިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.