އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ރެކޯޑު ސާފު ކުރުމަށް މިރޭ 9 ގެ ފަހުން ހުށައަޅާ ފަރާތްތަކުގެ ރެކޯޑް ވަގުތަށް ސާފު ނުކުރެވިދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފިއެވެ.

ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބާއި ގުޅިގެން ރެކޯޑް ސާފު ކުރުމަށް މިހާތަނަށް 34 ފަރާތަކުން އެދިފައިވާ ކަމަށެވެ. އަދި އެގޮތުން މިއަދުގެ 18:00 އާއި ހަމައަށް ހުށައެޅި 32 ފަރާތެއްގެ ނަން ސާފުކޮށް އެ ފަރާތްތަކާއި މިހާތަނަށް ހަވާލުކުރެވިފައިވާ ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

އަދި އެހެންމެ މިހާރު ނުނިމި ހުރި ދެ ފަރާތުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ކޯޓުތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި ވީ އެންމެ އަވަހަކަށް އެ ދެ ފަރާތުގެ ރެކޯޑު ސާފު ކުރާނެ ކަމަށް ވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

"ރެކޯޑް ސާފުކުރެވެނީ އޮޓޮމޭޓެޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމުގައި ނުވާތީ މުޅި ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކިން ރެކޯޑް ސާފު ކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމުގައި ވާތީ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަންދެއްވުން އެދެމެވެ." ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

https://twitter.com/judiciarymv/status/1688207631561973760?s=20

އެ ބަޔާނުގައި އިތުރަށް އެ އިދާރާއިން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ރެކޯޑް ސާފުކުރުމަށްޓަކައި މިރޭ 21:00 ގެ ފަހުން ހުށައަޅާ ފޯމުތައް އިލެކްޝަން ކޮމިޝަނުން ހުށައަޅާފައިވާ ސުންގަޑިއަށް ނުނިމުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އިލެކްޝަން ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީނެވެ.

މީގެތެރެއިން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައި، އެ އެޕްލިކޭޝަންގެ ޖަވާބު އީސީން ވަނީ ދީފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ޔާމީން ހުށަހެޅި ދުސްތޫރީ މައްސަލަ ވެސް ޔާމީނާއި ދެކޮޅަށް ވަނީ މިއަދު ނިންމައިފައެވެ.

އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.

މީގެއިތުރުން، ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ރޭހަށް ނެރެން ވަނީ ނިންމައިފަ އެވެ. މުއިއްޒުގެ ފޯމު މާދަމާ ހުށަހަޅާނެ ކަމަށްވެއެވެ.