ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް ނިންމީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުން ސާބިތު ދަރަންޏެއް އޮތުމާއި ގައިދީންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނޯންނާތީ އެވެ.

ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮތުމުން އެމަނިކުފާނަށް ވާދަ ކުރެއްވޭނެ ކަމަށް ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުގެ އިއްތިފާގުން ހުކުމުގައިވަނީ ދަށު ކޯޓަކުން ކުރާ ހުކުމެއް ކަމަށް ވިޔަސް، އަދި އިސްތިއުނާފް މަރުހަލާގައި މައްސަލަ ނުނިމި އޮތަސް އެ ހުކުމެއްގެ ބާރު ހިނގަމުންދާނެ ކަމަށެވެ. އެހެންވުމުން ހުކުމެއް ދެމި އޮތްހާ ހިނދަކު އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައި ނުވާ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖަލު ހުކުމާއި ޖޫރިމަނާ އިސްތިއުނާފް ކޮށްފައި ވިޔަސް، މަތީ ކޯޓަކުން އެއަށް އަމަލުކުރަން މަޑުޖައްސާލަން ނާންގާހާ ހިނދަކު ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ދައްކަން ހުކުމުގައި ދިން މުއްދަތު ހަމަވުމުން އެ ފައިސާ ދައްކަން ޔާމީނަށް މީރާއިން ވެސް އެމަނިކުފާނަށް ލިޔުމުން އަންގާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ކޯޓުގެ ހުކުމެއްގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއެއް ނުދެއްކުމަކީ ސާބިތު ދަރަންޏެއް އަދާ ނުކުރުން ކަމަށް ބެލެވޭނެ ކަމަށެވެ. އެހެންވެ، އެ ސަބަބަށްޓަކައި ވެސް، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް އެ ހުކުމުގައިވެ އެވެ.