ދިވެހި ލީގުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު މީގެ ކުރިން ދެމެހެއްޓި އަލީ އަޝްފާގު (ދަގަނޑޭ) ގެ އެ ރެކޯޑު ކްލަބް ވެލެންސިއާގެ ޒުވާން ކުޅުންތެރިޔާ ޔޫސުފް އަޔާން އާމިރު މުގުރާލައިފިއެވެ.
ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ވެލެންސިއާގެ ގޯލު ކާމިޔާބުކޮށްދިނީ އަޔާންއެވެ. އެ ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ދިވެހި ލީގުގެ ތާރީހުގައި ވެސް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަޔާން އެ ގޯލު ޖެހި އިރު އޭނާގެ އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ 14 އަހަރުން ދަށުގެ ޔޫތު ލީގު ކާމިޔާބު ކުރި ވެލެންސިއާ ޓީމާއި މިއަހަރު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
އަޔާން މި ރެކޯޑް މުގުރާލި އިރު، ކުރިން އެ ރެކޯޑް އޮތް ދަގަނޑޭ ވަނީ 20 އަހަރު ވަންދެން އެ ރެކޯޑް ދަމަހައްޓައިފައެވެ. ވެލެންސިއާއިން ފުޓުބޯޅަ ކެރިއަރު ފެށި ދަގަނޑޭ ފުރަތަމައިން ލީގުގައި ގޯލު ޖެހި އިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެހެން ކަމުން މި ރެކޯޑުގެ އެއްވަނަ އަދި ދެވަނަ ވެސް އަދިވެސް އޮތީ ވެލެންސިއާގެ އަތުގައެވެ.
އިއްޔެ ކުޅުނު ލީގު މެޗަށް އަޔާން ކުޅެން ނުކުތީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ޓީމަށް އަށް އޭނާ ނަތީޖާ ހަމަހަމަ ކޮށް ދިނީ މެޗުގެ 87 ވަނަ މިނިޓުގަ އެވެ. އަބްދުﷲ ޔާމީން (ޔާން) ޖައްސާލި ބޯޅަ ތިރިތިރިން، އަޔާން ގޯލަށް ފޮނުވާލީ ގްރީންގެ ދެ ޑިފެންޑަރުންނާއި ގޯލްކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ.
އަޔާންގެ ބޮޑުބޭބެ، އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި މި ފަހަރު ވެލެންސިއާ އިން ލީގުގައި ކުޅެމުން އަންނަނީ ޒުވާން ސްކޮޑަކާ އެކު އެވެ.
މި ސީޒަންގައި ވެލެންސިއާ ވަނީ ލީގުގައި އެޓީމަށް އޮތް ފުރަތަމަ ހަތް މެޗުގެ ތެރެއިން ހަ މެޗު ކުޅެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމަށް ކުޅުންތެރިން ހަމަ ނުކުރެވުނީ މާލޭގައި ހަލުވިކަމާ އެކު ފެތުރޭ ހުމުގެ ރޯގާގެ އަސަރު ސްކޮޑުގެ ކުޅުންތެރިންނަށް ކޮށްގެންނެވެ. ހަ މެޗުން ވެލެންސިއާ މިއަދު ފުރަތަމަ ގޯލު ކާމިޔާބު ކުރިއިރު، އެޓީމު ކޮޅަށް 14 ގޯލު ވަދެފައި ވެއެވެ.