ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެ ހާލަތެއް ސުޕްރީމް ކޯޓުން ނިންމި ކަމުގައިވީ ނަމަވެސް އެޕާޓީއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަކީ "ވޯސްޓް ކޭސް ސިނާރިއޯ" ކަމަށް ޔާމީންގެ ރަނިންމޭޓު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ.
އެހެންކަމުން ޔާމީންގެ އެދިލެއްވުމަކަށް ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައިފައެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަކީ ޕީޕީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި ބޭފުޅަކަށްވީ ނަމަވެސް ޕީއެންސީގެ ޓިކެޓަށް ވާދަ ކުރެއްވުމަށް މުއިއްޒު ވަނީ އެޕާޓީއާ ގުޅިވަޑައިގެންފައެވެ.
ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ގާތްގަނޑަކަށް ހައެއްކަ ގަޑިއިރަށް ކުރިޔަށް ގެންދެވިއެވެ.
އެ އަޑުއެހުމަށްފަހު ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޖަމީލު ވަނީ ރާއްޖޭގެ ރިޔާސީ ނިޒާމާއި ސިޔާސީ ނިޒާމުގައި ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ. އަދި ކޯޓުގައި ކުރިޔަށް ދަނީ ޕީޕީއެމްގެ ކެންޑިޑޭޓުގެ މައްސަލަ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަދި އުއްމީދު ކުރަނީ ވެސް އިތުބާރު ކުރަނީ ވެސް މި ޓިކެޓު [ޔާމީންގެ ރިޔާސީ ޓިކެޓު] ސަލާމަތްވެގެން މި ކޯޓުން [ސުޕްރީމް ކޯޓުން] ނިކުންނާނެ. އެހެންވީމަ ދޭއް ތިނެއްގެ [ޕްލޭން އޭ އަދި ޕްލޭން ބީ] ވާހަކައެއް ވެސް އަޅުގަނޑުމެންގެ ސިކުނޑިއަކު ނެތް،"
"ޕީއެންސީ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ،" ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިފަދައިން ވިދާޅުވިއިރު ބައެއް މީޑިއާތަކުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޥޝިޔާމް ވެސް ވަނީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް ކޯޓުން ނިންމައިފި ނަމަ އެމަނިކުފާނުގެ ޕްލޭން ބީ އަކީ ޕީޕީއެމް އަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ދިނުމަށް ކޯޓުގައި އެދުން ކަމަށެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދައުވާ ބަޔާނުގައި އެ ގޮތަށް ވަނީ އެދިފައެވެ.
އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީން ވެސް ވާދަ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. ޕީއެންސީން އަމަލު ކުރާނެ ގޮތެއް އެނގޭނީ އެޕާޓީ އަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.