ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ބޭނުންވާ ކަމަށާއި އަދި އެ ފުރުސަތު ލިބޭ ގޮތަށް ކޯޓުން އަމުރުކޮށްދިނުމަށް ޕީޕީއެމްއިން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވެއްޖެ ނަމަ، ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފައެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ހާލަތުގައި އިންތިހާބަށް ނެރުމަށް އޮތީ ނިންމައިފައެވެ.

ނަމަވެސް ޔާމީންގެ ކެންޑިޑެސީގެ މައްސަލާގެ ތެރެއަށް ތަދައްހުލުވުމަށްފަހު ޕީޕީއެމްގެ ވަކީލް ހުސްނީ މުބާރަކު ސުޕްރީމް ކޯޓުގައި މިރޭ ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށާއި އިންތިހާބުގައި އެ ޕާޓީ ވާދަކުރަން ބޭނުންވާ ކަމަށެވެ.

ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޔާމީނަށް ޓިކެޓް ހަވާލުކުރީ ވެސް އެހެންވެ ކަމަށާއި ނަމަވެސް، އެ މަނިކުފާނުގެ ފޯމް ބަލައިނުގަތުމަށް އީސީން ނިންމާފައިވުމަކީ އެ ޕާޓީން ވެސް ގަބޫލުކުރާ ނިންމުމެއް ނޫން ކަމަށެވެ.

ޕީޕީއެމުން އެދުނީ ޔާމީނަކީ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެގޮތަށް ކަނޑައެޅެން ނެތް ނަމަ، އިންތިހާބުގައި ވާދަކުރަން ޕީޕީއެމްއަށް އިތުރު ފުރުސަތެއް ދިނުމަށް އަމުރުކޮށްދިނުމަށް އެދޭ ކަމަށެވެ.

ޕީޕީއެމްގެ ވަކީލް އެހެން ވިދާޅުވުމާ އެކު ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުވާލެއް އަމާޒެއް ކުރައްވައިފަ އެވެ. އެއީ، މިހާރު ޕީއެންސީން ކެންޑިޑޭޓެއް ކަނޑައަޅާފައިވޭ ނޫންތޯ ކުރެއްވި ސުވާލެވެ.

އެއަށް ޖަވާބު ދެއްވަމުން ހުސްނީ ވިދާޅުވީ ޕީއެންސީއަކީ ތަފާތު، ވަކި ޕާޓީއެއް ކަމަށާއި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްއަށް އެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށެވެ.