ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާނެ އާ ކެންޑިޑޭޓެއްގެ ނަން މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އެދިއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއްގެ ނަން ހުށަހަޅައިފިނަމަ، ގަބޫލުކުރާނެ ކަމަށެވެ.

"އެދިވަޑައިގެންފައިވޭ އިތުރު ކެންޑިޑޭޓަކު ހުށަހެޅުމަށް ވަގުތު ދެއްވުމަށް ވެސް. އެކަމާ ގުޅޭ ގޮތުން ކޮމިޝަންގެ ޕޮޒިޝަންއަކީ މިވަގުތު ވެސް އިތުރު ކެންޑިޑޭޓަކު ޕީޕީއެމްގެ ފަރާތުން ހުށަހަޅައިފިކަމަށް ވާނަމަ، ކޮމިޝަނުން ގަބޫލު ކުރާނެ،" މަހުފޫޒް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ބައްލަވާ އެ މައްސަލާގެ އަޑުއެހުމުގައި އީސީގެ ސެކަރެޓަރީ ޖެނަރަލް ވިދާޅުވީ ޕީޕީއެމުން އެދިފައިވާ ގޮތަށް އިތުރު ކެންޑިޑޭޓަކު ހުށަހަޅަން ފުރުސަތު ދީފިނަމަ، ގާނޫނުގައި ބުނާ ހައްދުތައް ލިބިދީގެން އިންތިހާބު ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭނެ ކަމަށެވެ. އެގޮތުން ކެންޑިޑެސީއަށް އިތުރު ފުރުސަތު ދީފިނަމަ، އިންތިހާބު ބާއްވާ ދުވަސް ފަސްކުރަންޖެހިދާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވޯޓާސް ލިސްޓު އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބު ކުރަންޖެހޭނެ ކަމަށެވެ. ކެންޑިޑެސީއަށް އިތުރު ފުރުސަތު ދީފިނަމަ، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ގާނޫނުގައި ބުނާ 30 ދުވަސް ވެސް ނުލިބޭނެ ކަމަށް އީސީގެ ސެކަރެޓަރީ ޖެނަރަލް ވިދާޅުވިއެވެ.

"އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފިނަމަ، މުޅި ވޯޓާސް ލިސްޓު އަލުން އެކުލަވާލައި އިންތިހާބު އަލުން ތަރުތީބު ކުރަންޖެހުމަކީ ގާނޫނުއަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބުނާ މުއްދަތަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ފެންނާތީ އެ ވާހަކަ ފާހަގަކޮށްލީ،" ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އީސީގެ ސެކަރެޓަރީ ޖެނަރަލް ވިދާޅުވިއެވެ.