ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އަންނަ ބުދަ ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި، ގުރުއަތުލުން، އަންނަ ބުދަދުވަހުގެ ހަވީރު 4:30 ން 5:30 އަށް، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ ކަމަށެވެ.

https://twitter.com/IsmailHabeeb/status/1687289429797572608?s=20

"މި ރަސްމިއްޔާތުގައި، ކެންޑިޑޭޓަކަށް ބައިވެރިވެ ނުވެވޭ ހާލަތުގައި، މަންދޫބަކު ބައިވެރިވެ ކުރެވިދާނެ. މިކަމާގުޅޭ ތަފްސީލް، އީސީ އިން ކެންޑިޑޭޓުންނަށް އަންގާނެ،" ހަބީބް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރަށްފަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި ގިނާ ޕާޓީތަކާއި ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ.

އެގޮތުން މިއަހަރުގެ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ވާދަ ކުރާނެއެވެ. އެއީ މިހާރުގެ ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އާއި ޖޭޕީގެ އިތުރުން އެމްއެންޕީ އަދި އެމްއާރްއެމްއެވެ. މީގެތެރޭގައި ހިމެނޭ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާތީވެ، ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އީސީން ވަނީ ނިންމައިފައެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.