ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ނަމަ ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މާދަމާ އަށް ހަމަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މާދަމާ ގެ ނިޔަލަށް، ހަމަވާނެ ކަމަށެވެ. ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ ބޭފުޅަކުވެސް، 1414 އަށް ގުޅުއްވައިގެން ނުވަތަ މެސެޖް ކުރައްވައިގެން، އެ ބޭފުޅަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރުމަށް ހަބީބް ވަނީ އެދިވަޑައިގެންފައެވެ.

މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަވާ ރަށް، ނޫންކަމަށްވާނަމަ، ވޯޓުލައްވަން ބޭނުންފުޅުވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރެއްވުމަށާއި އެކަމަށް ދެވަނަ ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

"އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ބޭފުޅުންނަށް އަދި ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް، އީސީ އިން އިލްތިމާސް ކުރައްވާ! މިހާރު ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކޮށް ލެއްވުމަށް، ވީއާރު ޖެއްސެވުމަށްފަހު، އައިޑެންޓިޓީ ކާޑުގެ ނަންބަރު ޖައްސަވާ 1414 އަށް އެސްއެމްއެސް ކޮށްލައްވާ،" ހަބީބް ވިދާޅުވިއެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލޭ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. ރީ-ރަޖިސްޓަރީވުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަަށް އީސީން ބުންޏެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަންސް އިން ބުންޏެވެ. އެ މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2023 ޖުލައި 16 އިން 2023 ޖުލައި 31 ގެ ނިޔަލަށް ކަމަށް އީސީން ބުނެއެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށާއި އީމެއިލް އިން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިނުގަންނާނެ ކަމަށް އީސީން ބުންޏެވެ.