މުޅި ރާއްޖޭގެ ތަރައްގީ އަށްޓަކައި ސަރުކާރުން ކުރަން ފެށި މަސައްކަތުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު އެ އަތޮޅު އުތީމަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އެކަން އެއްކައިރި ކުރުމަށްފަހު ރާއްޖޭގެ ތަރައްގީ އަށްޓަކައި އަދި ރަށުގެ ތަރައްގީ އަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް ސޯލިހު ވަނީ އަންނަ މަހުގެ 9ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އުތީމުގެ ހުރިހާ ރައްޔިތުން ވެސް ނިކުމެ އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ވާދަވެރި ސިޔާސީ ޕާޓީތަކެއް ނިކުމެ ރާއްޖޭގައި ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި އުތީމުން އޭރު ވޯޓު ދެއްވީ އޭރު ޑީއާރްޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ. އޭރު އެމްޑީޕީ އަށް އުތީމުން ލިބުނީ އެންމެ ހަ ވޯޓު ކަމަށެވެ. 2009ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނިކުތް ކެންޑިޑޭޓަށް އުތީމުން ލިބުނީ ފަސް ވޯޓެވެ.

ރައީސް ވިދާޅުވީ އެއީ އޭރުގެ ހާލަތު އޮތް ގޮތުން އުތީމުގެ ރައްޔިތުން ނިންމި ނިންމުންތަކެއް ކަމަށާއި އެހެންނަމަވެސް އެ ހާލަތު ބަދަލުވެ، މި ސަރުކާރުން އުތީމަށް ކޮށްދީފައިވާ މަސައްކަތްތައް ރައްޔިތުންނަށް މިއަދު ފެންނާނެ ކަމަށެވެ. އަދި މި ސަރުކާރު ދިވެހި ރައްޔިތުންނަށް ޓެސްޓު ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެހެން ބަޔަކަށް މި އިންތިހާބުގައި ވޯޓު ދޭންޖެހޭ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިޔަކަށް މިފަހަރުވެސް އޮންނާނީ ޕީޕީއެމް. ތި ބޭފުޅުން ބައްލަވާ ދެ ޕާޓީގެ ސިޔާސަތުތަކުގައި ހުރި ތަފާތު. އެބޭފުޅުންގެ ވެރިކަމުގައި ފަސް އަހަރު ހޭދަ ކުރެއްވި ގޮތް. މި ތިއްބެވީ ޖަލުގައި ތިއްބެވި ބޭފުޅުން. މި ހިސާބުން ފެށިގެން އަޅުގަނޑު ގުނަންވީ މިއިން ކޮންމެ ބޭފުޅަކީ ޖަލުގެ ކުޑަ ގޮޅީގައި ތިއްބެވި ބޭފުޅުން. ރަށުގެ ތަރައްގީ އަށްޓަކައި ކުރެވިފައި ހުރި މަސައްކަތްތައް މިނެ ކިރާލާ،" ރައީސް އެދިވަޑައިގެންނެވިއެވެ.

މި ފަސް އަހަރު ނިންމާލަނީ ސިޔާސީ އެއްވެސް ބޭނުމެއްގައި މީހަކު ހައްޔަރު ނުކޮށް އެއްވެސް ނޫސްވެރިޔަކަށް އަނިޔާއެއް ނުދީ ކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ހަލަބޮލި ކަމަކަށް ނުދިއުމުން ތަރައްގީގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އެކަން ކުރުމަށް ސަރުކާރަށް ވަގުތު ލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެއިން ފެންނަމުންދާ ތަރައްގީގެ އަސްލަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.