މާލެ ސަރަހައްދުގައި އިތުރު ފްލެޓުތަކެއް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
އެފްޑީސީ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓު އެޅުމަށް އިންޑިޔާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަންލް ލިމިޓެޑް (ކޭޕީއައިއެލް) އާއެކު ސޮއި ކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކައުންޓްރީ ހެޑް ސަރުވަޖީތު ސިންގެވެ.
އެފްޑީސީން ބުނީ އެ މަޝްރޫއު ބަހާލެވިފައިވަނީ ދެ ފިޔަވަސްކަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2،000 ހައުސިން ޔުނިޓު މަސަތްކަތް ފަށާތާ 37 މަސްދުވަސް ތެރޭގައި ނިންމަން ޖެހޭ ކަމަށް އެފްޑީސީން ބުންޏެވެ.
ޖުމްލަ 165 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 1،400 ޔުނިޓްއާއި 2 ކޮޓަރީގެ 600 ޔުނިޓެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހިން ސަރުކާރުން ވަނީ 17 ބިމެއް ދާދިފަހަކުން ގަނެފައެވެ. އެ ބިންތައް ގަތީ ފްލެޓު އެޅުމަށް ކަމަށް އާބަންކޯ އިން މީގެކުރިން ބުނެފައިވެއެވެ. ހުޅުމާލެއިން ސަރުކާރުން ގެނެފައި ވަނީ 15،000 އަކަފޫޓާއި 66،00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ނަމަވެސް އެފްޑީސީން އަލަށް ސޮއިކުރި 4،000 ފްލެޓު އަޅަނީ އެ ބިންތަކުގައި ކަމެއް ނޭނގެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަނީ ފްލެޓުތަކެއް އިމާރާތް ކުރަމުންނެވެ. އެ ފްލެޓުތައް ވެސް އިމާރާތް ކުރަމުން އަންނަނީ އިންޑިއާގެ ކުންފުނިތަކަކުންނެވެ.
އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ. އެ ދެ ކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ ތަޖުރިބާ އިންޑިއާ އަދި ބޭރުގެ އެހެން ގައުމުތަކުގައި ވެސް ލިބިފައިވާ ކުންފުނިތަކެކެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް މިހާރު އަޅާ އެ ފްލެޓުތަކުގެ ތެރޭގައި ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓު ހިމެނެއެވެ.